ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ތިން ވަނަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
މިރޭ 21:30ގައި ފަށާ މިފޯރަމްގެ މަޢުޟޫއަކީ ”އިސްލާމްދީނުގެ މަތީގައި ޘާބިތުވާށެވެ.“އެވެ. އަދި މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ އައްޝައިޚް އަޙްމަދު ސަމީރުއެވެ.
އިޙްޔާ ފޯރަމްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ބޭފުޅުންނަށް މިއަހަރުވެސް ޚާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އިނާމުތަށް ހުށަހަޅާފައިވަނީ ބީއެމްއެލް އިސްލާމިކްއިންނެވެ.
ބީއެމްއެލް އިސްލާމިކްއިން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި އެއްވަނައަށް 1500 ރުފިޔާގެ ގިފްޓް ކާޑެއް، ދެވަނައަށް 1000 ރުފިޔާގެ ގިފްޓް ކާޑެއް، ތިންވަނައަށް 700 ރުފިޔާގެ ގިފްޓް ކާޑެއް އަދި ހަތަރުވަނައަށް 500 ރުފިޔާގެ ގިފްޓް ކާޑެއް ހިމެނެއެވެ.
މީގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިނާމެއްގެ ގޮތުގައި ރިޔާޟުއްޞާލިޙީން އަދި ފިޤުޙުއްސުންނާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އިނާމުތައް ދެނީ އަންހެން އަދި ފިރިހެން ވަކިންނެވެ.



