ފަލަސްތީނުގެ ދިދަ ހިފައިގެން މީހަކު އެލިޒަބަތު ޓަވަރަށް އަރައިފިއެވެ.
ފަލަސްތީނުގެ ދިދަ ހިފައިގެން ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް ގޮވާލާ މަޝްހޫރު ބިގްބެން ގަޑީ ޓަވަރުގެ ނަމުން މަޝްހޫރުވެފައިވާ ޓަވަރަށް މީހަކު އަރައިފިއެވެ. ކަޅު ކޯޓަކާއި ތޮތްޕެއް އަޅައިގެން ހުރި އެމީހާ ހުރީ ފަލަސްތީނުގެ ދިދައެއް ހިފައިގެންނެވެ.
އޭނާގެ މައްސަލަ ޕޮލިހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ޓަވަރުގެ މެދެއްހާ ހިސާބަށް އަރާފައި ވަނިކޮށެވެ.
އިނގިރޭސި މެޓްރޮޕޮލިޓަން ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނީ އެތަނުގެ ގަޑިން 7:24 ހާއިރު އިނގިރޭސި ޕާލަމެންޓް ޖަލްސާކުރާ ވެސްޓްމިންސްޓާ ޕެލަސްގައި ހުންނަ އެލިޒަބަތު ޓަވަރު ނުވަތަ ބިގް ބެން ޓަވަރަށް މީހަކު އަރާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
އޭގެ ގަޑިއެއްހާއިރު ފަހުން އެމީހާ ހުރީ ތޭމްސް ކޯރުގެ ކައިރީގައި ހުންނަ މި ޓަވަރުގެ އެތައް މީޓަރެއް މަތީގައެވެ.
ވެސްޓްމިންސްޓާ ބްރިޖް ބަންދު ކުރުމުން ސެންޓްރަލް ލަންޑަން ސަރަހައްދުގައި ޓްރެފިކްގައި އުޅަނދުތައް ތާށިވެ ދުއްވާތަކެއްޗާއި މީހުންނަށް ވަނީ ހިނގާބިނގާވެ އުޅެން ދަތިވެފއެވެ.
ފުލުހުން ވަށާލާފައިވާ ސަރަހައްދުގެ ބޭރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްވެފައެވެ.
އަލިފާން ނިވާ މީހުނާއި ފެން ލޮރީތަކާއި އެމްބިއުލާންސްތައް ވެސް ވަނީ އެތަނަށް ފޮނުވާފައެވެ.
އެމަޖެންސީ ސާވިސްގެ ތިން މީހަކު ހަރުގަނޑު ބޭނުންކޮށްގެން އަރާ ލައުޑަރ ސްޕީކަރު ބޭނުންކޮށްގެން އޭނާއާ ވާހަކަދައްކަންވެސް މަސައްކަތްކުރިއެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ އެ ޓަވަރުގައި 16 ވަރަކަށް ގަޑިއިރު ހޭދަކުރިފަހުން ބިންމައްޗަށް ތިރިކުރެވުނު ފަހުންނެވެ. އެމީހާ ބިންމައްޗަށް ތިރިކޮށްފައި ވަނީ ޗެރީ ޕިކަރެއްގައެވެ. އެމީހާ ހައްޔަރު ކުރުމުގައި ވަގުތުތަކެއް ހޭދަވެފައި ވަނީ އޭނާ ހުރި ތަނުގެ ސަބަބުން ރައްކާތެރިކަން ކަށަވަރުކުރަންޖެހޭތީ، ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



