މާލޭގެ ގަލޮޅު ސަރަހައްދުގައި ހުރި ގެއަކަށް ވަދެ، އެ ގޭގެ ވެރިފަރާތަށް ބިރުދައްކައި، ގެއަށް ގެއްލުން ދިނުމުގެ މައްސަލައަކާއި ގުޅިގެން 4މީހަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައެވެ. އަދި ހާދިސާ ހިނގާފައިވަނީ މެންދަމުގެ 12:45 ހާއިރު ކަމަށް ވެސް އެ ފަރާތުން ހާމަކުރެއްވިއެވެ.
ފުލުހުންގެ އިތުރު ބުނީ، މި ހާދިސާއާ ގުޅުންހުރި ކަމަށް ބެލެވޭ 4 ފަރާތެއް ހައްޔަރުކުރެވިފައިވަނީ ކުށުގެވެށިން ކަމަށެވެ.
ހައްޔަރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އއ. މާޅޮހުގެ ރީތިހިޔާ ގޭގެ މުޙައްމަދު އަފްލާޙް (23 އަހަރު)، ނ. ވެލިދޫގެ އެލަސް ގޭގެ އިބްރާހިމް އަޙްނަފް (21 އަހަރު)، ނ. މަނަދޫގެ ހަވޭލި ގޭގެ މުޙައްމަދު އަޛާން (23 އަހަރު) އަދި ތ. ގުރައިދޫގެ ފަޒާ ގޭގެ ޢަލީ ނަވާފު (21 އަހަރު) އެވެ.
ފުލުހުންގެ ފަރާތުން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، މި 4 މީހުންގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް އެމީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައި ނުވާއިރު، މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



