ދިވެހިންގެ އެހީގައި ޣައްޒާގައި ބޮޑު ވިލެޖެއް ބިނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޚިދުމަތް ޖަމިއްޔާއިން މިއަދު ބުނީ އެ ޖަމިއްޔާ އާއި، ތުރުކީގެ އުންމަ ޖަމިއްޔާ ގުޅިގެން ޣައްޒާގެ 10,000 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއް އާރާސްތު ކުރުމުގެ މަސައްކަތް ކުރުމަށް މިދިޔަ ހަފްތާގައި އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، އެ ސަރަޙައްދުގައި 100 އާއިލާއަކަށް ️ބޯހިޔާވަހިކަން ހޯދައި ދިނުމަށް ޓެންޓް އެޅުމާއި ފާޚާނާ ހެދުން އަދި ކެއްކުމާއި ކާބޯތަކެތި ފޯރުކޮށްދޭނޭ ބަދިގެތައް ބިނާ ކުރާނެކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. މިގޮތުން އެ ސަރަހައްދުގައި ފާހާނާ ބިނާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ޖަމިއްޔާއިން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން ބޭސް ފަރުވާގެ ކަންކަން ކޮށްދިނުމަށް ޑޮކްޓަރަކު ބެހެއްޓުމުގެ އިންތިޒާމާއި މިސްކިތެއް ބިނާކުރުމާއި ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާ ބޭކަރީއެއް ޢިމާރާތް ކުރާނެ ކަަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
ޚިދުމަތް ޖަަމިއްޔާއިން ބުނީ މި މުޅި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 100،000 ޑޮލަރ ހޭދަވާނެ ކަމަށެވެ.
މި ބޮޑު މަޝްރޫއު ނިންމާލުމަށް ދިވެހި އެންމެހައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަަމަށާއި މި މަސައްކަތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރި ވެދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ޚިދުމަތް ޖަމިއްޔާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ޖަމިއްޔާއިން ވަނީ މި ރަމަޟާންމަސް ފެށިގެން ކޮންމެ ދުވަހަކު ވެސް ޣައްޒާގެ އެތަކެއް އާއިލާއަކަށް ރޯދަވިއްލުން ފޯރުކޮށްދެމުން އަންނަ ކަން ފާހަގަކޮށް މި ހުރިހާ މަސައްކަތްތަކެއް ކާމިޔާބު ކަމާއެކީ ކުރެވެނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު ކަމަށްވާތީވެ އެންމެހާ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
ޣައްޒާގެ ވިލެޖް ބިނާކުރުމުގެ ޕްރޮޖެކްޓް އަށް އެހީތެރިވުމަށް
ޚިދުމަތް – ބީއެމްއެލް އިސްލާމިކް
(އިމަރޖެންސީ ފަންޑް)
ރުފިޔާ – 7770000141499


