ނުފޫޒު ފޯރުވިކަމަށްކުރާ ތުހުމަތުތަކަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މިއަދު އިންކާރު ކުރައްވައިފިއެވެ.
މަހާޒުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ކުރަން ނެރުނު އަމުރަކަށް ނުފޫޒު ފޯރުވިކަމަށް ބުނެއެވެ.
އެކަމާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މަހާޒު ހާޒިރުކުރީ މިއަދު މެންދުރު ފަހު 1 ޖެހިއިރު އެވެ.
އެގޮތުން ޑޮކްޓަރ ލަތީފް ބަންދުކުރުމަށް ނެރުނު ބަންދު އަމުރަށް ނުފޫޒު ފޯރުވުމަށް ކްރިމިނަލް ކޯޓުގެ ގާޒީއަކަށް، ނުވަތަ މުވައްޒަފަކަށް ވެސް ގުޅުއްވާ އަދި މެސެޖެއް ވެސް ކުރައްވާފައި ނުވާކަމަށް އެ ކޮމިޝަނުގެ އަޑުއެހުމުގައި މަހާޒު ވަނީ ފާހަގަ ކުރައްވާފައެވެ.
މިގޮތުން މަހާޒު ވަނީ ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.



