ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ހަފުލާ މި މަހުގެ 27 ވިލޭރޭ ބާއްވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ޤުރުއާން ހިތުދަސްކުރާ ކުދީންނަށް އިނާމު ހަވާލުކުރަނީ ޤައުމީ ޤުރުއާން މުބާރާތުގެ ތެރެއިންނާއި ޤައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގެ ތެރެއިންނެވެ.އެހެންކަމުން މިއީ އެކަމަށްޓަކައި ޚާއްސަ ހަފްލާއެއް ބާއްވާ ފުރަތަމަ ފަހަރެވެ.
“އެހެންވީމާ ގައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާއަކީ ވަކި ޙަފްލާއެއްގައި ގޮތުގައި ބޭއްވިފައި، ހާފިޒުންގެ ގްރެޖުއޭޝަން އެއީ ވަރަށް ބޮޑު ޤައުމީ އެހެން ޙަފްލާއަކަށް ހެދުމަށް އަޅުގަނޑުމެން ބޭނުންވޭ“ ޑރ.ޝަހީމް މީގެ ކުރިން ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ ހާފިޒުން ދަސްވެނިވުމަށް ބާއްވާ ފުރަތަމަ ހަފުލާ މި މަހުގެ 27 ވިލޭރޭ ބާއްވާ ގޮތައް ނިންމާފައިވާ ކަމަށެވެ.
މިގޮތުން މިއީ ރާއްޖޭގައި އެކަމަށް ހާއްސަކޮށް ބާއްވާ ފުރަތަމަ ހަފުލާކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އަދި އެ ހަފުލާގައި 20-25 އާ ދެމެދު އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށްވެސް ޝަހީމް ވަނީ ހާމަކުރައްވާފައެވެ.



