ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަޒީފާއިން ވަކިކުރި 248 ސިޔާސީ މުވައްޒަފުންގެ މަޢުލޫމާތު ހާމަނުކުރުމަށް އެދި ސަރުކާރުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަނެފިއެވެ.
ޚަރަދު ކުޑަކުރުމުގެ ގޮތުން 248 ސިޔާސީ މަޤާމު އުވާލިކަން ސަރުކާރުން ޢާންމުކޮށް އިޢުލާނުކުރީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.
މިކަމާ ގުޅިގެން، ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކުގެ ތަފްސީލު ހޯދުމަށް ތިން ފަރާތަކުން އެދިފައިވާއިރު ސަރުކާރުން މި މަޢުލޫމާތު ހާމަކުރުމަށް އިންކާރުކުރުމާ ގުޅިގެން، މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް (އައިކޮމް) ހުށަހެޅުނެވެ. އައިކޮމްއިން ނިންމީ މި މަޢުލޫމާތު ހާމަކުރަންޖެހޭނެ ކަމަށެވެ.
މިކަމާ ގުޅިގެން، ސަރުކާރުން މިދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުން މިހާރު މިމައްސަލަ ބަލައިގަނެފައިވާކަން ހައިކޯޓުގެ ރަޖިސްޓްރާރގެ މަޢުލޫމާތުން ދައްކައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކުގެ މަޢުލޫމާތު ހާމަނުކުރަނީ އޭގައި އަމިއްލަ މަޢުލޫމާތު ހިމެނޭތީއެވެ.




