ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލް އިފްތިތާހުކުރެވޭއިރު، އެއަރޕޯޓުގެ ދަތުރުފަތުރުގެ ހަރަކާތްތަކަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މިމަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީ އާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެމެދު އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އާ ޓަރމިނަލް ހުޅުވުމާއެކު ޓެކްސީ ޚިދުމަތަށް ގެނެވޭނެ ބަދަލުތަކާއި، އެކިބާވަތުގެ އުޅަނދުފަހަރު ދުއްވާނެ މަގުތަކަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުންނާއިި އުޅަނދުތައް ބޭއްވުމަށް އެމްއޭސީއެލުން ކަނޑައަޅާ ސަރަހައްދާއި، އެ ސަރަހައްދުގައި ޤާއިމުކުރެވޭ ”ރައުންޑް އެބައުޓް“ ބޭނުންކުރާނެ ގޮތާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރެވޭ އާ އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ އިމާރާތުގެ މަސައްކަތް މިހާރު ނިމުމަކާއި ކައިރިވެފައިވާއިރު މިވަގުތު ކުރިއަށްދަނީ ޓަރމިނަލް ހިންގުމަށް ތައްޔާރުކުރުމުގެ މަސައްކަތްތަކެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ދެއްވި ޚިޠާބުގައި، އާ ޓަރމިނަލް މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުޅުވޭނެކަމަށް އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިހާރު ބޭނުންކުރަމުންދާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ވަރުގެ ޓަރމިނަލެކެވެ. ނަމަވެސް، 78,000 އަކަމީޓަރުގެ ސަރަހައްދެއްގައި އިމާރާތްކުރެވޭ އާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ފެންވަރުގެ ޓަރމިނަލެކެވެ.




