ޒުވާނުންގެ ބަދިގެ ކައްކާ ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑް މި އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.
މިކަންހާމަކޮށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން އިން ބުނީ އެ މިނިސްޓްރީން ބާއްވާ ”ޒުވާނުންގެ ބަދިގެ“ ކައްކާ ޕްރޮގްރާމް މި އަހަރުގެ ރޯދަ މަހުވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ދިވެހިން ޗެނަލް އިން ދައްކަން ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިޔަށްގެންދާނީ ތަޖުރިބާކާރު ޒުވާން ޝެފެއް ކަމަށްވާ މުމީތު އާއެކުގައެވެ.
އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި ޕްރޮގްރާމްގައި އެ ފަރާތްތަކަށް ހިލޭ ބައިވެރިވެވޭނެއެވެ.
މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ގައެވެ.މި ޕްރޮގްރާމް ކުރިޔަށްދާނީ 4 އެޕިސޯޑަކަށް ބަހާލައިގެން ތަފާތު 4 ވައްތަރުގެ ކެއުން ތައްޔާރު ކޮށްގެންނެވެ.
އެޕިސޯޑުތައް ދެއްކުމަށް ހަމަޖެހިފައިވާ ދުވަސްތައް:
އެޕިސޯޑު 1 : 14 މާރޗް 2025
އެޕިސޯޑު 2 : 21 މާރޗް 2025
އެޕިސޯޑު 3 : 28 މާރޗް 2025
އެޕިސޯޑު 4 : 31 މާރޗް 2025
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިއަދު 13:00އެވެ. ޔޫތު މިނިސްޓްރީން ބުނީ މި ލިންކު ބޭނުންކޮށްގެން https://forms.gle/vHRRtSGmRuP3PBx46 މި ޕްރޮގުރާމުގައި ރަޖިސްޓްރީ ވެވޭނެ ކަމަށެވެ.
މި ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް އެ ދާއިރާއިން ކުރިޔަށް ދިޔުމަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ދާއިރާގެ އިލްމީ އަދި ތަޖުރިބާހުރި ބޭފުޅުންގެ ފަންނީ މައުލޫމާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނާ ހިއްސާކުރުން ކަމަށް ޔޫތު މިނިސްޓްރީން ހާމަކުރެއެވެ.


