މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން ހުޅުވާލައިފިއެވެ.
ކައުންސިލްގެ މެންބަރު ހުސައިން ހަސަން އިސްތިއުފާ ދެއްވުމާއި ގުޅިގެން މި މަޤާމު ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޙުސައިން އެމަޤާމުން ވަކިވެފައިވަނީ ގއ. ވިލިނގިލީ ދާއިރާގެ އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައި، އެ މަޤާމު ހޯދުމާ ގުޅިގެންނެވެ.
މިއާއިއެކު މިއަދު އެމްއެމްސީން ވަނީ މީޑިއާތަކުން މި މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
އެމްއެމްސީން ހާމަކޮށްފައިވާ ގޮތުގައި މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުކަމަށް ވާދަކުރަން ބޭނުންވާ ނޫސްވެރިން 2025 މާރިޗު 18 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަންވާނެއެވެ.
މީގެއިތުރުން، އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް media@youth.gov.mv އަށް އީމެއިލް ކުރުމަށާއި ހުރިހާ ލިޔެކިޔުންތަކެއްވެސް ހުންނަންވާނީ ޕީޑީއެފް ފޯމެޓުގައި ކަމަށް އެމްއެމްސީން ބުނެފައިވެއެވެ.



