އިސްރާއީލްގެ ޑިފެންސް މިނިސްޓްރީގައި ފަލަސްޠީނު މީހުން ޣައްޒާއިން ހިޖުރަކުރުން މަޖުބޫރުކުރާނެ އިދާރާއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ގައުމުގެ މާލީ ވަޒީރު ބެޒާލިލް ސްމޮޓްރިޗް ބުނެފިއެވެ.
މި ވަގުތު ފިނޭންސް މިނިސްޓަރުކަމުގެ އިތުރުން ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރަމުން އަންނަ ސްމޮޓްރިޗް މިހެން ބުނީ އިޒްރޭލުގެ ޤާނޫނުހަދާ މަޖްލިސް (ކަނީސެޓް) ގައި ބޭއްވި ކޮންފަރެންސެއްގައި ވާހަަކަދައްކަމުންނެވެ.
ބެޒާލިލް ސްމޮޓްރިޗް އެ ކޮންފަރެންސްގައި ވާހަކަދައްކަމުން އިއްޔެ ބުނީ މި ވަގުތު އިސްރާއީލުން ފަލަސްޠީނު ރައްޔިތުން ޣައްޒާއިން ނެރެލުމަށް ވާންޖެހޭ ތައްޔާރީތައް ރާވަމުން އަންނަ ކަމަށެވެ. މިގޮތުން ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން އެކަމަށް ޚާއްޞަ އިދާރާއެއް ދަނީ ތައްޔާރު ކުރަމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެ ކަން ކުރުމަށްޓަކައި ބޭނުންވާ ބަޖެޓްއޮތީ އެކަމަށް އެއްވެސް ހުރަހެއް ނޭޅޭގޮތަށް ހަމަޖެހިފައިކަމަށް އޭނާ ވަނީ ބުނެފައެވެ.
”އިސްރާއީލަށް ނަފްރަތުކުރާ ދެ މިލިޔަން (ފަލަސްޠީނު) މީހުން، އިސްރާއީލު ބޯޑަރާ މިހާ ކައިރި ހިސާބެއްގައި ދިރިއުޅެން ދޫކޮށެއް ނުލެވޭނެ.ދުވާލަކު ފަސްހާސް މީހުން ޣައްޒާއިން ބޭރުކޮށް ލެވޭނަމަ މިކަން އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭނެ“ ބެޒާލިލް ބުނެފައި ވެއެވެ.
ބެޒާލިލް އިތުރަށް ބުނީ މިކަމުގައި އިސްރާއީލުގެ ސަރުކާރާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒަޢާމަތުގައި މިހާރު ދަނީ މި މީހުން ފޮނުވާލާނީ ކޮން ޤައުމުތަކަކަށްކަން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދިޔަ އަންގާރަ ދުވަހު މިސްރުގެ ވެރިރަށް ޤާހިރާގައި ޣައްޒާ އަލުން ބިނާކުރުމާ ބެހޭގޮތުން ޢަރަބި ގައުމުތަކުގެ ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ޣައްޒާއިން އެތަނުގެ އަހުލުވެރިން ބޭލުމަށް އިޒްރޭލާއި ގުޅިގެން މިހާރުގެ އެމެރިކާގެ އިދާރާއިން ޑޮނަލްޑް ޓްރަމްޕް އިސްވެހުރެ، ކުރަމުންދާ މަސައްކަތާ ދެކޮޅަށް ޣައްޒާ އަލުން ބިނާކުރުމެވެ. މިކަމަށް މިސްރުން ހުށަހަޅާފައިވާ ކަރުދާހުގައިވާގޮތުން 53 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާ މި ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް ފަސްއަހަރު ނަގާނެއެވެ.
ނަމަވެސް އިޒްރޭލާއި އެމެރިކާއިން މި ޕްލޭނަށް ދެކޮޅުހަދައެވެ. އެއީ މިދިޔަ ޖެނުއަރީ25 ވަނަ ދުވަހުން ފެށިގެން ޓްރަމްޕް އިޝްތިހާރުކުރަމުން އަންނަ ޕްލޭންގައިވާގޮތަށް ޣައްޒާގެ ރައްޔިތުން ވަށައިގެން ހުރި ގައުމުތައް ކަމުގައިވާ މިސްރާއި ޖޯޑަން ފަދަ ގައުމުތަކަށް ފޮނުވާލަން ބޭނުންވާތީއެވެ. މިއީ އެ ޤައުމުތަކާއި އަރަބި އެހެން ގައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ދެކޮޅުހަދާ ކަމެކެވެ.
އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީ އިސްރާއީލުން 7 އޮކްޓޯބަރ 2023 ން ފެށިގެން އަންނަނީ ފަލަސްޠީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގަމުންނެވެ. މި ޖަރީމާތަކުގައި ޝަހީދުވި މީހުންނާއި ޒަޚަމްވީ މީހުންގެ އަދަދު 160 ހާހަށް އަރާއިރު މީގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން ބިމާ ހަމަކޮށް ސުންނާފަތިކޮށްފައިވާ ޢިމާރާތްތަކުގެދަށުގައި 14 ހާސް މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.


