32 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން(ވެމްކޯ) އާއި ހަވާލުކޮށްފިއެވެ.
ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް އެކަށޭނެ ކުނި މެނޭޖުކުރާނެ ނިޒާމާއި ވަސީލަތްތައް ޤާއިމުކޮށްދެއްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ.
އެގޮތުން މި އަމާޒަށް ވާސިލުވުމަށްޓަކައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ ”މަގޭ ސާފު ރާއްޖެ ޕްރޮގްރާމް“ގެ ތެރެއިން މިއަދު ވަނީ 32 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމުގެ ކޮންޓްރެކްޓްތައް ހަވާލުކޮށްފައެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައިވެސް 2 ރަށެއްގެ ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތް ވެމްކޯއާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މިއަދު ހަވާލު ކުރެވުނު 32 ރަށާއެކު ޖުމްލަ 34 ރަށެއްގައި ވެމްކޯ އިން ވޭސްޓުމެނޭޖްމަންޓް އިންފްރާސްޓްރަކްޗާ ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.އަދި މި މަސައްކަތް މި އަހަރުގެ 3 ވަނަ ކުއާޓަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓު މިނިސްޓްރީން ބުނެފައިވެއެވެ.
ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓު މިނިސްޓްރީން ހަދާފައިވާ އެސެސްމަންޓްތަކުން ދައްކާގޮތުގައި ރައީސް މުޢިއްޒު އިއުލާނުކުރައްވާފައިވާ އަމާޒަށް ވާސިލުވުމަށް 128 ރަށެއްގައި ކުނި މެނޭޖުކުުރުމަށް ބޭނުންވާ ވަސީލަތްތައް ވަނީ ޤާއިމު ކުރަން ޖެހިފައެވެ.
މިގޮތުން ކައިރި މުސްތަގުބަލެއްގައި އެހެން ރަށްތައް ސަރުކާރު ހިއްސާވާ އެހެން ކުންފުނިތައް ކަމަށްވާ އެމްޓީސީސީ،އާރްޑީސީ އަދި ފެނަަކައާ ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މަސައްކަތް ކުރިއަށް ގެންދަން ހަަމަޖެހިފައިވާ ރަށްތައް:
ހއ.ދިއްދޫ
ހއ.ހޯރަފުށި
ހއ.އިހަވަންދޫ
ހއ.ވަށަފަރު
ހދ.ކުޅުދުއްފުށި ސިޓީ
ކ.ދިއްފުށި
ކ.ގާފަރު
ކ.ގުޅި
މ.މަޑުއްވަރީ
މ.ނާލާފުށި
މ.ވޭވަށް
މ.ރަތްމަންދޫ
ދ.ހުޅުދެލި
ދ.މީދޫ
ފ.ބިލެއްދޫ
ފ.ދަރަނބޫދޫ
ފ.ފީއަލި
ތ.ދިޔަމިގިލި
ތ.ގާދިއްފުށި
ތ.ހިރިލަންދޫ
ތ.ކަނޑޫދޫ
ތ.ވޭމަންޑޫ
ތ.ވިލުފުށި
ލ.ހިތަދޫ
ލ.އިސްދޫ
ލ.ކަލައިދޫ
ލ.ކުނަހަންދޫ
ލ.މާބައިދޫ
ލ.މާމެންދޫ
ލ.މާވަށް
ލ.މުންޑޫ
ގދ.ތިނަދޫ ސިޓީ
ޏ.ފުވައްމުލައް ސިޓީ
ސ.ހުޅުމީދޫ




