ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީން) މިއަދު ކުރި އިއުލާނުގައި ބުނީ އަންނަ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސްޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިމަތިލެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރުވެފައިވާ މީހެން ކަމުގައި ވާން ޖެހޭނެއެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާންޖެހޭނެއެވެ.
މީގެ އިތުރުން ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަންތަކުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުންނަންޖެހޭނެ ކަމަށް އެ ޝަރުތުތަކުގެ ތެރޭގައި ބުނެފައި ވެއެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސްޕްރީމް ކޯޓުގެ ބެންޗުން އެއް ބޭފުޅަކު މަދުވީ ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މި މަހުގެ 4 ވަނަ ދުވަހު އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. ސުއޫދު އިސްތިއުފާ ދެއްވާފައި ވާތީ ސުޕްރީމް ކޯޓުގައި މިހާރު ތިއްބަ ވާނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި އަލީ މަހާޒުގެ އިތުރުން އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.



