ދައުލަތުގެ ބޭނުން ކުރެވޭ ރިޒާވް 179.1 މިލިޔަން ޑޮލަރަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭ އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާމް އަދި ބޭނުންކުރެވޭ ރިޒާވް ވަނީ އިތުރުވެފައެވެ. ރަސްމީ ރިޒާވް އަހަރު ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ހުރީ 708.1 މިލިޔަން ޑޮލަރުގައެވެ. މިއަދަދު ވަނީ ފެބުރުއަރީ މަހުގެ ނިޔަލަށް 832.1 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ.
އެހެންކަމުން މިއީ 18 އިންސައްތައިގެ ކުރިއެރުމެއް ކަމުގައި ހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން ދައުލަތުގެ ބޭނުން ކުރެވޭ ރިޒާވްވެސް ވަނީ ފެބްރުއަރީ މަހުގެ ނިޔަލަށް އިތުރުވެފައެވެ.
އެގޮތުން އަހަރު ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 116 މިލިޔަން ޑޮލަރުކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކާއިރު، ފެބްރުއަރީ މަހުގެ ނިޔަލަށް މިއަދަދު ވަނީ އިތުރުވެފައެވެ. ފެބްރުއަރީ މަހު މިއަދަދު ހުރީ 179.1 މިލިޔަން ޑޮލަރުގައެވެ.
ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހަށް ބޭނުން ކުރެވޭ ރިޒާވަށް 63 މިލިޔަން ޑޮލަރު ވަނީ އިތުރުވެފައެވެ.



