ފްރާންސްގައި މުޒާހަރާތައް ކުރިއަށްދިޔަ ނަމަވެސް، ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި އެ ގައުމުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ސްޕެއިންގެ ބާސެލޯނާ ބައްދަލުކުރާ މެޗު ރޭވިފައިވާ ގޮތަށް މިރޭ ޕެރިހުގައި އޮންނާނެ ކަމަށް ފްރާންސްގެ ސަރުކާރުން ބުނެފިއެވެ.
މި މެޗު ކުރިއަށް ގެންދަން ނިންމާފައިވާއިރު، އެ ގައުމުގެ މަގުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ލޫޓުވުންތައް ހުއްޓުވުމަށް ކާފިއު އިއުލާނު ކުރަން ޖެހިދާނެ ކަމަށް ފްރާންސްގެ ބޮޑުވަޒީރު ސެބަސްޓިއަން ލެކޮރޫނިއު ވަނީ ވިދާޅުވެފައެވެ.
ބޮޑުވަޒީރު ވިދާޅުވީ ކާފިއު ހިންގުމަކީ ދަތި ކަމަކަށް ވިޔަސް، ހަމަނުޖެހުން ހުއްޓުވަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ. ނަމަވެސް، މަގުތަކަށް ނުނުކުމެވޭ ގޮތަށް ބަންދުކުރާނީ ކޮން ސަރަހައްދުތަކެއް ކަމެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.
ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ފްރާންސް ލީގުގައި ލިލް އާއި މޮނާކޯ ކުޅެން އޮތް މެޗު ވެސް ވަނީ ކުޅެވޭ ގޮތް ނުވެ ފަސްކޮށްފައެވެ. އެހެން ނަމަވެސް، މިރޭ ދަންވަރު ޕީއެސްޖީގެ ދަނޑުގައި އޮންނަ މެޗަށް ބާސެލޯނާ މިހާރު ވަނީ ފްރާންސަށް ގޮސްފައެވެ. އަދި ޕީއެސްޖީން ވެސް ވަނީ އެއްވެސް ދައްޗެއް ނެތި މި މެޗު ކުޅެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައެވެ.
ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވެސް ވިދާޅުވީ މެޗު ފަސްކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. މެޗަށް ހުރަސްއެޅޭނެ ކަމެއް މެދުވެރިވެއްޖެނަމަ އެކަން ހުއްޓުވަން ސަލާމަތީ ބާރުތައް ތައްޔާރަށް ތިބި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.


