ތިނަދޫ ސިޓީ ޒޯން ސްޓޭޑިއަމް ޒަމާނީކުރުމުގެ މަޝްރޫޢު އަވަސް ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނ މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން މިއަދު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، މި މަޝްރޫޢުގެ ދަށުން ކުޅިވަރު ސަޕޯޓަރުންނަށް މެޗު ބެލުމަށް އިށީނދެވޭނެ ގޮނޑިތައް ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެ 23 އަހަރު ކުރިން ގާއިމު ކުރެވުނު މިސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން 500 އަށްވުރެ ގިނަ ގޮނޑި ވަނީ ސްޓޭޑިއަމްގައި ހަރުކުރެވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިބަދަލުތަކާއިއެކު ކުރިން ވެސް ސަރަޙައްދީ އަދި ޤައުމީ ފެންވަރުގެ ގިނަ މުބާރާތްތަކެއް ބޭއްވިފައިވާ ތިނަދޫ ޒޯން ސްޓޭޑިއަމްގައި އިތުރު ޓޯނަމަންޓްތައް ބޭއްވުމަށް މަގުފަހިވެގެންދާނެއެވެ.
ހަމައެހެންމެ، ބޭނުންކުރެވެމުން އައި ކުޅިވަރު ވަސީލަތްތައް އާރާސްތުކޮށް ތަރައްޤީކުރުމުގެ ޕްރޮގްރާމުގެ ދަށުން، ފާއިތުވި އަހަރު ތިނަދޫ ސްޓޭޑިއަމްގެ ރޮސްޓްރަމް ސަރަޙައްދު އައު ސިފައެއްގައި އާބާތުރަ ފިލުވާލެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއްވިއެވެ.



