އޭސީސީގެ ރައީސް އާދަމް ޝާމިލް މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ތުހުމަތު ކުރައްވައިފިއެވެ.
އެގޮތުން ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އޭސީސީގެ ރައީސް އާދަމް ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ވިދާޅުވެ، ޝާމިލްގެ މައްސަލަ، ޑރ. އަޒްމިރަލްދާ ވަނީ އޭސީސީއަށް ހުށަހަޅުއްވާފައެވެ.
އޭސީސީގެ ރައީސް ޝާމިލްއަށް ފޮނުވި ސިޓީގައި އަޒްމިރަލްދާ ފާހަގަކުރައްވާފައިވާ ގޮތުގައި، އޭނާގެ މައްޗަށް ޖިނާއީ ކުށުގެ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ބުނެ ޝާމިލް ޖޭއެސްސީއަށް ދީފައިވަނީ ދޮގު މައުލޫމާތެއް ކަމަށާއި އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީގައި ސިޓީ ނަމްބަރެއް ނެތްކަން އަޒްމިރަލްދާ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ އޭސީސީން ޖޭއެސްސީއަށް ސިޓީ ފޮނުވާފައި ވަނީ އާއްމު އުސޫލާ ހިލާފަށް ޖެމްސް މެދުވެރިކޮށް ނޫންކަމާއި އަތުން އަތަށް ސިޓީ ފޮނުވައިގެން ކަމަށާއި އޭސީސީން އަޒްމިރަލްދާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ސިޓީއަކުން ޖޭއެސްސީއަށް އެންގިއިރު އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރަން އޭސީސީން ނިންމާފައިނުވާކަމަށް އަޒްމިރަލްދާގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އޭސީސީގެ އިޖުރާއަތްތައް ތަރުތީބުވެފައިވާ ގޮތުން އަޒްމިރަލްދާއާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ތަހުގީގެއް އެ ކޮމިޝަނުން މިހާތަނަށް ވެސް ފަށާފައިނުވާކަން އެ ސިޓީގައި އަޒްމިރަލްދާ ވަނީ ފާހަގަކުރައްވާފައެވެ.



