ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުތަކަކާ ގުޅިގެން މިހާރު މާލެ ސަރަހައްދުގައި ހިންގަމުންދާ ޤައުމީ ސަލާމަތާބެހޭ ޚާއްސަ އޮޕަރޭޝަނުގައި، ރާޅުގަނޑު ސަރަޙައްދުގައި ހުރި ގެއެއް ބަލައިފާސް ކުރަމުން އެބަދެއެވެ.
މިވަގުތު އެ ސަރަހައްދުގައި ހުރި ”ސައުވީސް“ ގެ ނޫސްވެރިއަކު މައުލޫމާތު ދީފައިވާ ގޮތުގައި ފުލުހުން ބަލައިފާސްކުރަމުންދަނީ ބަނޫން ޝޮޕްއާ ޖެހިގެން ހުރި ގެއެކެވެ.
އެގޭގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން މާސްކު އަޅައިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ހިންގަމުންމިދާ ޚާއްސަ އޮޕަރޭޝަނާ ގުޅިގެން އިތުރު މައުލޫމާތު ނޫސްވެރިންނާ ފަހުން ހިއްސާ ކުރައްވާނެ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ސައުވީސް“ އަށް ވިދާޅުވެފައިވެއެވެ.



