ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވަމުން ގެންދާ އިޙްޔާ ފޯރަމްތަކުގެ މިރޭގެ ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މިރޭގެ ފޯރަމްގައި މިނިސްޓަރ ޝަހީމް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ”އިޖްތިމާޢީ ޢަދާލަތު ޤާއިމު ކުރުމުގައި ޒަކާތުގެ ދައުރު“ މި މަޢުޟޫއަށް ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވާފައިވެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި އިޙްޔާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ 21:45 ގައެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން މައުމޫން ފައުންޑޭޝަނުން ބޭއްވި ފުރަތަމަ އިޙްޔާ ފޯރަމް ބޭއްވީ މިމަހުގެ 4 ވަނަ ދުވަހުގައެވެ. އެރޭގެ ފޯރަމްގައި ތަޤުރީރު ކުރެއްވީ ކުރީގެ ރައީސް އަދި މައުމޫން ފައުންޑޭޝަންގެ ބާނީ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްއެވެ. އެމަނިކުފާނު ތަޤުރީރު ކުރެއްވީ ”އިސްލާމްދީނުގެ ވަރުގަދަ އަސާސް“ މި މައުޟޫއުގެ މައްޗަށެވެ.




