ކައުންސިލްތަކުގެ އިހުތިޞާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ވެސް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފިއެވެ.
މި ބިލު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.
މި ބިލުގައި ބުނެފައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްތައް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހުތިޞާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްޙޫރިއްޔާ އެވެ.
އަދި މި ބިލުގައި ވަނީ ރިސޯޓުތަކުގެ މުއްދަތު 50 އަހަރަށް ނަގާފައިވާ ފަރާތްތަކަށް ގިނަވެގެން 49 އަހަރު ދުވަހަށް އިތުރުކުރުމަށް ފައިސާ ދައްކަން ލުއިދޭން ވެސް ހިމަނާފައެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކާއި ސިޓީތަކުގައި އެ ތަނެއްގެ ބިނާވެށި ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ބިން ކަނޑައަޅާނީ އެ ރަށެއް ނިސްބަތްވާ ރަށު ކައުންސިލް ނޫންނަމަ ސިޓީ ކައުންސިލުން ކަމަށްވެސް މި ބިލުގައި ބުނެފައި ވެއެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 15 ވަނަ އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރުމެވެ.



