ބުޅާ ގެންގުޅޭނެ އިތުރު ޒޯންތަކެއް މާލެ ސަރަހައްދުގައި ތަރައްޤީ ކުރަން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ސަފްވާން އިބްރާހިމް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
މިނިސްޓަރު އަލީ ސަފްވާން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ”އޮޅުހިޔާ“ އެ ވުޒާރާއާ ހަވާލުކުރި އިރުބުޅާ ފެސިލިޓީގައި ޚިދުމަތްތައް ފުރިހަމަވެފައި ނެތްނަމަވެސް މިހާރު ދެވެން ހުރި ޚިދުމަތްތަކާއެކު އެ ފެޝިލިޓީ ހިންގަން ފަށާފައިވާ ކަމަށެެވެ.
އެ ވުޒާރާގެ ޕްލޭނަކީ ބުޅާތައް އަބަދު އެ ފެޝިލިޓީގައި ގެންގުން ނޫން ކަމަށާއި އެތަނުގައި ބުޅާތައް ހޭދަކުރާ މުއްދަތުގެ ތެރޭގައި ޕޮޓީ ޓްރެއިނިންއާއި ވެކްސިނޭޓްކޮށްފައި މާލޭގައި ޒޯންތަކެއް ކަނޑައަޅާފައި ބަދަލުކުރަން ނިންމާފައިވާ ކަމަށް ސަފްވާން ވިދާޅުވިއެވެ.
އެގޮތުން މީހުން ދިރިއުޅޭ ހިސާބާއި ދުރުން ބުޅާ ގެންގުޅެން އެ ސަރަހައްދުތަކުގައި ޒޯންތަށް ކަނޑައަޅައި ލިޓާރތައް ބަހައްޓައި ކެޓް ފުޑް ލިބޭ ގޮތަށް އިންތިޒާމް ހަމަޖައްސަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށް އޮތްތާގައި ފިއުޗަރ ޕްލޭނަކީ އެތަނުން ބުޅާތައް ފެންވަރުވާ މެކޭނިޒަމަކާއި އެއްކޮށް އެތަންތަން ގާއިމް ކުރުން ކަމަށް މިނިސްޓަރ ސަފްވާން ވިދާޅުވިއެވެ.



