މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބޯޑުގައި އިކޮނޮމިކް މިނިސްޓްރީ ތަމްސީލުކުރައްވާ މެންބަރު ޝުހާދު އިބްރާހިމް މިއަދު އެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިއްޔެ އެމްއެމްއޭ ބޯޑުގައި މާލީ ވުޒާރާ ތަމްސީލުކުރައްވާ އަޙްމަދު ޒަޔާން މުޙައްމަދު ވެސް ވަނީ އިސްތިއުފާ ދެއްވާފައިވާއިރު މިއަދު ޝުހާދު އިބްރާހިމް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މީގެ އިތުރުން، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު އިމާދު މަޤާމުން ވަކިކުރުމަށް މިއަދު މާލިއްޔަތު ކޮމިޓީއަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.
ޝުހާދު އަދި ޒަޔާން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އެމްއެމްއޭއިން ހުޅުމާލެއިން ބިމެއް ގަތުމަށް 14 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ. ނަމަވެސް، މި މައްސަލައާ ގުޅޭގޮތުން ޕީއެންސީ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް މިއަދު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ފައިސާ ޗާޕުކުރުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމެއް ކަމަށެވެ.
މީގެއިތުރުން، ރައީސް ޑރ. މުޢިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައ އެމަނިކުފާނުގެ ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށެވެ. މީގެ އިތުރުން، ވޭތުވެދިޔަ އަހަރުގެ ޖޫން މަހު ރައީސް ވިދާޅުވެފައި ވަނީ، ފައިސާ ޗާޕުނުކޮށް 13 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރެވިފައިވާ ކަމަށެވެ.
ފައިސާ ޗާޕުނުކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ވަޢުދުކަން ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ އެއީ ގޮންޖެހުންތަކެއް ހުރި ނިންމުމެއް ނަމަވެސް، އޭގެ ނަތީޖާ ރަނގަޅުވެފައިވާ ކަމަށެވެ. އަދި މި ނިންމުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން، ޚާއްޞަކޮށް އައިއެމްއެފްއިން ތަޢުރީފު ލިބިފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.



