ޤައުމީ ސަލާމަތީ ޚާއްސަ އޮޕަރޭޝަން އަދިވެސް ކުރިއަށް ދިޔަނަމަވެސް ކަންބޮޑުވުމެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންނާއި ސިފައިން ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނެެއް ރޭ މާލެ ސަރަހައްދުގައި ވަނީ ފަށާފައެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ހުޅުމާލެއާއި މާލޭގެ ބައެއް ތަންތަން ބަލައިފާސްކޮށް، ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ރޭގައި ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަލާމަތީ ބާރުތަކުން ރޭގައި ހިންގި އެ އޮޕަރޭޝަންތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓެލިޖެންސް ރިޕޯޓްތަކާ އެއްގޮތްވާ ގޮތުގެ މަތިން ދޭތެރެއަކުން ވަކި ރޫޓިންތަކެއްގައި ހިންގާ އޮޕަރޭޝަންތަކެއް ކަމަށެވެ.
”އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، މި ވަގުތަށް ކަންބޮޑުވުމެއް ނެތް“ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ދިރިއުޅޭ އެންމެންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވެން ހުރި ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަރުވާ ކަމަށެވެ.
މީގެއިތުރުން ރާއްޖެއަކީ ރާއްޖޭގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ވެސް ރައްކާތެރި، އަމާން އަދި ސުލްހަވެރި މަންޒިލެއްގެ ގޮތުގައި ދެމިއޮތުމަށް ޓަކައި، ނުރައްކާތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ ކަން މޮނިޓާކޮށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރޭ ފުލުހުން ވަނީ ރާޅުގަނޑު ސަރަހައްދުގައި ހުންނަ ބަނޫން ޝޮޕްއާ ޖެހިގެން ހުރި ގެއަކާއި، ހ. ޕްރިމްރޯސް ވެސް ބަލައިފާސްކޮށްފައެވެ. ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ބަލައިފާސްކޮށްފައިވަނީ ހައްޔަރުކުރި ތިން މީހުންނާ ގުޅުންހުރި ތަންތަނެވެ. އެތަންތަން ބަލައިފާސްކުރަން ވަން ފުލުހުންނާއި ސިފައިންވެސް ތިބީ މާސްކު އަޅައި މޫނު ނިވާކޮށްގެންނެވެ.



