ޕެންޝަން އޮފީހުގެ ބޯޑުން ހުސްވެފައިވާ މަޤާމަށް މެންބަރަކު ހޯދަން އިއުލާނުކޮށްފިއެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާއެވެ.
ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ 4 މެންބަރުންގެ ތެރެއިން 1 މަޤާމް ހުސްވެފައިވާތީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
ޕެންޝަން އޮފީހުގެ ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރާ ބޯޑަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެޜޭގައި ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހޭނެއެވެ.
ހަމައެހެންމެ ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލުކޮށްފައިވާން ޖެހޭނެ ކަމަށް އެ ޝަރުތުތަކުގެ ތެރޭގައި ބުނެފައި ވެއެވެ.
ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުންވެސް އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ކަނޑައަޅާފައިވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 19 މާރިޗު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ.



