މިދިޔަ އަހަރު ސަރުކާރުން އުވާލަން ނިންމި އެގްރޯނެޓްގެ މަސައްކަތްތައް އަލުން ފަށަން ކެބިނެޓުން ނިންމައިފިއެވެ.
އެގްރޯނެޓަކީ ސަރުކާރުގެ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން މިދިޔަ އަހަރު އުވާލަން ނިންމި ކުންފުނިތަކުގެ ތެރޭގައި ހިމެނުނު ކުންފުންޏެކެވެ.
ދަނޑުވެރިކަމާ ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާއިން މިއަދު ބުނީ، އެ މިނިސްޓްރީން ވިލަރެސްކޮށް، އަމާޒުތައް ކަނޑައަޅާގޮތަށް އެގްރޯނެޓްގެ މަސައްކަތްތައް އަލުން ފެށުމަށް މިހާރު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުން ނިންމީ އެގްރޯނެޓަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަމަށްވެސް އެ ވުޒާރާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން މި ބަދަލުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާ ތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުން ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.



