ހޫރުއްލީނުންގެ ވާހަކައަކީ ”ބޭކާރު“ ވާހަކައެއް ކަމަށް ބުނެވުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒޭނާ އާދަމް މައާފަށް އެދިލައްވައިފިއެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރޮޒޭނާ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވެފައިވަނީ ”ހޫރުއްލީނުގެ ވާހަކައާ.. އެފަދަ ބޭކާރު ވާހަކަ“ އަދި ރައްޔިތުންގެ ހައްގުތައް ހޯދައިނުދެވޭ ވާހަކަ ފަތުވާ މަޖިލިހުން ދައްކާ ކަމަށެވެ.
ރޮޒޭނާގެ މިވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާވަނީ ވަރަށް ބޮޑަށް ހޫނުފެނަށް ވެއްޓިފައެވެ. އެވާހަކަތަށް ގިނަ ޝެއިޚުން ވެސް ކުށްވެރި ކޮށްފައިވާއިރު ގިނަ ބައެއްގެ ފާޑުކިޔުން ރޮޒޭނާއަށް ވަނީ އަމާޒުވެފައެވެ.
މިކަމާ ގުޅިގެން ރޮޒޭނާ ވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އެކަމަށް މައާފަށް އެދި އޭނާ ބުނި އެއްޗެއް މާނަ އޮޅޭގޮތަށް ދައްކާފައިވާ ކަމަށް ވިދާޅުވެފައެވެ.
ރޮޒޭނާ ވިދާޅުވީ އޭނާ ދެންނެވި ވާހަކައަކީ މިވަގުތަކީ މިޤައުމުގައި ވަރަށް ސީރިއަސް ކަންކަން ހިނގަމުންދާ ވަގުތެއް ކަމަށެވެ. އެގޮތުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމަކީ ދީނީ ގޮތުން ކިހާ ގޯސްކަމެއްކަން ވެރިންނަށް އަންގައިދިނުމަށް ފަތުވާ މަޖިލިހުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިކަމަށް ރޮޒޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
”ހޫރައްލީނުންނޭ ކިޔާފަ އަޅުގަނޑު ދެއްކި ވާހަކައާއެކު ’ބޭކާރު‘ މި ލަފްޒު ބޭނުންކުރެވިފައިވާތީ އެކަމުގެ މާނަ ބައެއް ބޭފުޅުންނަށް އޮޅިފައިއެވަނީ. ބޭކާރޭ އަޅުގަނޑު ބުނީ މިވަގުތާ ހާލަތުގައި ދައްކަން އެއަށްވުރެ މުހިންމު، މިހާލަތާ ގުޅޭ ދީނީ ވާހަކަ ހުރިކަން ބަޔާންކޮށްދޭން. އެވާހަކައަކީ ބޭކާރު ވާހަކައެއް ކަމަށް ބުނާކަށް ނޫން“ ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ މާނަ އޮޅޭގޮތަށް އެވާހަކަ ބުނެވުނީތީއާއި ނެގުނު މިސާލު ރަނގަޅު ނޫންކަމަށްވާތީ އެކަމަށް މާފަށް އެދިލައްވާ ކަމަށެވެ.



