ސީއެމްބިއުލާންސް މާލެއަށް ލަފާފުރުމަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލުން އެކްސް ޕްލެޓްފޯމުގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވަނީ މޭޔަރު އާދަމް އާޒިމް މާފަންނު ފެރީ ޓާމިނަލް ސަރަހައްދު ބައްލަވާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފައެވެ.
އެ ވީޑިއޯ ހިއްސާކޮށް ސިޓީ ކައުންސިލުން ކުރި ޕޯސްޓުގައި ބުނީ ސީ އެމްބިއުލަންސް މާލެއަށް ލަފާފުރުމުގައި ދިމާވާ ދަތިތަކާއި މިހާރު ބޭނުންކުރަމުން އަންނަ އެއް ނަންބަރު ޖެޓީއާ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލް ދުރުވުމުގެ ސަބަބުން، ޓްރެފިކްގައި ޖެހި ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔުމުގައި ލަސްވާ ކަމަށެވެ.
“އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މާފަންނު ފެރީ ޓާމިނަލާ އިންވެގެން އިރަށް، ސީއެމްބިއުލަންސަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅުމަށްޓަކައި މޭޔަރު އާޒިމް އެ ސަރަހައްދު ބައްލަވަނީ“ އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ޖިއޮގްރަފިކަލީ ރާއްޖެ އުފެދިފައިވާ ގޮތުން އެއް ރަށް އަނެއް ރަށާ ދެމެދު އޮންނަ ދުރު ރާސްތާގެ ސަބަބުން ސިއްހީ ހިދުމަތް ލިބޭ ރަށްރަށަށް ބަލިމީހުން އުފުލަންޖެހޭތީ ސަރުކާރުން ވަނީ ސީ އެމްބިއުލާންސް ތައާރަފުކޮށްފައެވެ.
ސީއެމްބިއުލާންސްގެ އިތުރުން، ވައިގެ މަގުން ބަލިމީހުން އުފުލުމަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ރާއްޖޭގައި ވަނީ ތައާރަފުކޮށްފައެވެ.



