މާލޭ ސިޓީ ކައުންސިލުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކޮށްފިއެވެ.
ކައުންސިލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 13:00 އާ ހަމައަށެވެ.
މި މަޤާމުގެ އަސާސީ މުސާރައިގެ ގޮތުގައި 20,500 ރުފިޔާ ކަނޑައަޅާފައިވާ އިރު، އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 15,000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މިއާއެކު، ޖުމްލަ މުސާރައިގެ ގޮތުގައި މަހަކު 35,500 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލާފައެވެ.
ފުރަތަމަ ކެޓަގަރީގައި ބަޔާންކުރައްވާފައި ވަނީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަރނަންސް، އާބަން ސްޓަޑީޒް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީ ސަނަދެއް ހާސިލުކުރައްވާފައިވުމާއެކު، އެ ދާއިރާއިން މަދުވެގެން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިވަޑައިގެންފައިވުމެވެ.
ދެވަނަ ކެޓަގަރީގައި ހިމަނުއްވާފައި ވަނީ އިސްވެ ދެންނެވުނު ދާއިރާތަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީ ސަނަދެއް ހާސިލުކުރައްވާފައިވުމާއެކު، އެ ދާއިރާއިން 3 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިވަޑައިގެންފައިވުމެވެ.
ތިންވަނަ ކެޓަގަރީގައި ބަޔާންކުރައްވާފައި ވަނީ ކޮންމެ ދާއިރާއަކުން ނަމަވެސް ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީ ސަނަދެއް ހާސިލުކުރައްވާފައިވުމާއެކު، ކަމާ ގުޅުންހުރި ދާއިރާއަކުން 8 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިވަޑައިގެންފައިވުމެވެ.
ހަތަރުވަނަ ކެޓަގަރީގައި ހިމަނުއްވާފައި ވަނީ ކޮންމެ ދާއިރާއަކުން ނަމަވެސް ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީ ސަނަދެއް ހާސިލުކުރައްވާފައިވުމާއެކު، އެ ދާއިރާއިން 6 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިވަޑައިގެންފައިވުމެވެ.



