ސިހުރުވެރިކަމަކީ ވަރަށް ވެސް ނުބައި އެހާމެ ފާފަވެރި އަމަލެކެވެ. އެކަން ކުރާ މީހުންނާއި ކުރުވާ މީހުންނަށް ވެސް އޮތް ފާފަ އިންތިހާ ބޮޑެވެ.
ސިހުރުވެރިކަމާ ބެހޭގޮތުން ވާހަކަ ދައަކަވަމުން މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ވިދާޅުވީ:
”މިހާރަށް ބެލިނަމަވެސް ސިޙުރުހަދާ މީހުންގެ ޢަދަދު އަންނަނީ ވަރަށް ބޮޑުތަނުން އިތުރުވަމުންނެވެ. އެކަމުން އެނގޭ ކަމަކީ ސިޙުރުވެރިންގެ ގާތަށްދާ މީހުންގެ ޢަދަދު ގިނަވާ ކަމެވެ. އެމީހުން ލައްވައި ސިޙުރު ހައްދުވައި އެމީހުންނަށް ބޮޑެތި ޢަދަދުތަކުން ފައިސާދޭނެ ބައަކު ނެތްނަމަ ސިޙުރުހަދާނެ ބައަކު ނުތިބޭނެއެވެ.
ސިޙުރުވެރިންގެގާތަށް މީހަކު ދާއިރަށް ފުރަތަމަވެސް ބުނާނީ އެމީހަކަށް ވަރަށް ބޮޑު ސިޙުރެއް ހަދާފައިވާ ކަމަށެވެ. އެހިސާބުން ޝައުޤުވެރިވެވޭނީ އެކަންކުރި މީހަކު އޮޅުންފިލުވުމަށެވެ. އެއީ ހެދޭ އެންމެ ބޮޑު އެއް ގޯހެވެ. އެހެނީ ސިޙުރުވެރިޔާއަކަށްވެސް އެހެން މީހަކަށްވެސް ޣައިބެއް ނޭނގޭނެއެވެ.
ސިޙުރުވެރިން ސުވާލުކުރާނީ އެމީހުން ގެންގުޅޭ ޖިންނި ޝައިޠާނުންނާއެވެ. އެއީ ތެދުހަދާ ބައެއް ނޫނެވެ. ކަނޑައެޅިގެން ދޮގުހަދާބައެކެވެ. ބުނާނީ އެންމެ ބޮޑު ފިތުނަ އުފެއްދޭނެ ގޮތަށެވެ. އަޅުވާނީ އެކަމާއި އެއްވެސް ގުޅުމެއް ނެތް މީހުންގެ ބޮލުގައެވެ. މިއީ އަބަދުހެން އެނގި ޘާބިތުވަމުން އަންނަ ކަމެކެވެ.
މުސްލިމަކަށް ކަމެއް ކުރިމަތިވުމުން ޢަމަލުކުރަންވީ ގޮތް ޤުރްއާނުން އެނގެން އެބައޮތެވެ. އެއީ ޞިހުރުގެ ކަމެއްނަމަ އެކަން ބާޠިލުކުރަން ޢަމަލުކުރަންވީގޮތްވެސް ޤުރްއާނުން އެނގެން އެބައޮތެވެ. އެއިގެ އިތުރުން އޮތީ ދުޢާކުރުމެވެ. ވީހައި ގިނަބައެއްގެ ދުޢާ ލިބިގަންނަން މަސައްކަތްކުރުމެވެ. ކަނޑައެޅިގެން ކެރިހުރެގެން މިބުނަނީއެވެ. މުޞީބާތެއް ދިމާވެއްޖެ ނަމަ ތަޤްވާވެރިކަން އިތުރުކުރާށެވެ! ދަމުނަމާދުކުރާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ސޯޝަލް މީޑިއާގައިވެސް ލިޔެ މީސްތަކުންގެ ހެޔޮދުޢާއަށް އެދޭށެވެ! ދުނިޔޭގެ އެންމެންގެ ހެޔޮ ދުޢާލިބިގަންނަން މަސައްކަތްކުރާށެވެ!
އެއިގެ ބަދަލުގައިބޮއްޔެއް އަނބުރާލައިފަ ނުވަތަ ތިން ކަށިގަނޑު އެއްލާފައި ފަހަރި ނުވަތަ އެނޫންވެސް ޢާއިލާގެ މީހެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވާ މީހުންގެ ގާތަށް ނުދާށެވެ! އެމީހުން އެހީތެރިކަން ހޯދަނީ ޖިންނީންގެ ކިބައިންނެވެ. އޭރުން ދެން ކަންތައްވާނެ ގޮތް މިއާޔަތުގެ މާނައިން މިއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ!
’އެކަލާނގެ އެއުރެން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަކުރާށެވެ! (އެދުވަހުން އެކަލާނގެ ވަހީކުރައްވަވާނެތެވެ!) އޭ ޖިންނީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުން އިންސީންގެ ވަރަށް ގިނަބަޔަކަށް މަގުއޮޅުވައިލީމުއެވެ.
ދެން އިންސީނެގެތެރެއިން އެއުރެންގެ އެކުވެރިން ދަންނަވާނެތެވެ! އަޅަމެންގެވެރި ރަސްކަލާކޯއެވެ! އަޅަމެން އެއްބައެއް އަނެއް ބައެއްގެ ކިބައިން ފައިދާ ހޯދީމުއެވެ! އަދި އިނބަރަސްކަލާނގެ އަޅަމެންނަށް ކަނޑައަޅުއްވަވައި ދެއްވަވާފައިވާ އަޖަލަށް އަޅަމެން ފޯރައްޖައީމުއެވެ.
އެކަލާނގެ ވަޙީކުރައްވަވާނެތެވެ! ތިޔަބައިމީހުން ތިބޭނެތަނަކީ ނަރަކައެވެ. ﷲ އިރާދަކުރެއްވެވި ވަގުތަކަށް މެނުވީ އެއުރެން އެތަނުގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ޙަޚީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ!‘ (އަލްއަންޢާމް: 128)
ޖިންނީންގެ އެހީތެރިކަން ހޯދުމުން ތިމާއަށް ވަންނަން ޖެހޭނީ ނަރަކައަށްކަން މިހައި ސާފުކޮށް އެނގެން އޮއްވައިވެސް ބިރުވެތިނުވެ ސިހުރުވެރިންގެ ގާތަށް ތިއަދަނީ ތިމާއަކީ ނަރަކައަށް ވަންނަން ޖެހޭނެ މީހެއްކަން ދުނިޔޭގައި ހުރެ ޔަޤީންކުރަން ހެއްޔެވެ؟ ނުވަތަ ނަރަކައަށް ވަނުމުގެ ޓިކެޓެއް ހޯދަން ހެއްޔެވެ؟
މުސްލިމު އަޚުންނާއި އުޚްތުންނޭވެ! ހޭލުންތެރިވާށެވެ! ނަރަކައަށް ވަންނަން ޖެހިދާނެ އެންމެހައި ކަންކަމަށް ދުރުހެލިވާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަކީ ޤުރްއާނަށް ޢަމަލުކުރުމެވެ.“



