ހަސީނާ އަދިވެސް އިނީ ޝޮކެއްގައެވެ. ގަންފައިހުރި ބިރެއްގެ ސަބަބުންނާއި ދަރިފުޅަށްވަމުންދާ އާދަޔާ ޚިލާފު ކަންތައްތަކުން ގިސްލަ ގިސްލާ ރޮމުން ދިޔައެވެ. ކައިރީގައި އާތިފް އޭނާ މަސަލަސް ކުރަމުން ދިޔައިރު ހައިޝަމް ވެސް ސިޓިންގް ރޫމްގައި ހާސްވެފައިހުރެ ދެކޮޅަށް ހިނގަ ހިނގާ ހުއްޓެވެ.
”މަށަށް ފެންނަނީ ދެން ރާހާ ޑރ. ޝާމިލްގެ ކްލިނިކަށް ގެންދަން… ނޫނީ ގުރައިދޫއަށް ވިޔަސް.. އެތަނަށްތަ މޮޔައިން ގެންދަނީ؟“ ރާހާއަށް އެހީތެރިވުމުގެ ނިޔަތުގައި ހައިޝަމް އޭނާގެ މައިންބަފައިންނަށް އެ ހިޔާލު ދިނެވެ.
”ރާހާއަކީ މޮޔައެއް ނޫން. އެކަހަލަ އެއްވެސް ތަނަކަށް ނުފޮނުވާނަން. އޭރުން އިތުރަށް ގޯސްވާނީ. ހައިޝަމްއެއްނު ބުނީ މީހުންނަށް އެނގިދާނޭވެސް. މިހާރު ކީކޭ ތިކިޔަނީ؟“ ހައިރާންވެފަ ހުރެ އާތިފް ބުންޏެވެ.
”އާނ މަބުނިން އެހެން. އެކަމަކު މިހާރު މާ ކަންތައް ގޯހެއްނު. މަންމައަށް ކޮށްލާވަރު ބަލާބަލަ. މަންމައަށް އަބަދު ހަމަލާ ދެނީ ކީއްވެކަމެއް ނޭނގެ“ ހައިޝަމް ހަސީނާއާ ދިމާލަށް ހައިރާންކަމާއެކީ އެ ސުވާލާއެކީ ބަލާލުމުން ހަސީނާ އިތުރަށް ރޯން ފެށިއެވެ.
”އަހަންނަކަށް ނޭނގެ އަހަރެންދެކެ އެހާ ރުޅިއެއް އެ އަންނަނީ ކީއްވެކަމެއް. މަ ނުކުރަން އޭނަ އެވަރުގެ ރުޅިއެއްއައިސް މަށަށް ހަމަލާދޭވަރު ކަމެއް.“ އަޑުކެނޑެމުން ކަހަލަ ގޮތަކަށް ހަސީނާ ބުންޏެވެ.
އެވަގުތު އެންމެން ސިއްސައިގެން ދިޔައީ ދޮރުގެ ރަނގަބީލު ޖެހުނު އަޑަށެވެ.
”ޑރ. ޝަމީލް އައީ ކަންނޭނގެ. މަ ހުޅުވާނަން“ އާތިފް ދޮރާ ދިމާލަށް ހިނގައިގަތެވެ.
ދޮރު ހުޅުވުމާއެކު އާތިފަށް ލިބުނީ ކުއްލި ސިހުމެކެވެ. ދޮރުމަތީގައި ޑރ. ޝަމީލާއެކު ހުރީ އާތިފްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާރިފާއި އޭނަގެ އަންހެނުން ޒުލްފާއެވެ. ދޮރު ހުޅުވުމުން އާތިފަށް ހިނިތުންވުމެއް ދިނުމަށްފަހު ޑރ. ޝަމީލް އެތެރެއަށް ވަނެވެ. އާރިފާއި ޒުލްފާ ހުރީ ބޭރުގައެވެ. އާތިފް ހުރީ ދޮރު ހުޅުވި ގޮތަށް ގަނޑުވެފަ ބަލަހައްޓައިގެންނެވެ.
”ދޮންބޭ. އަހަރުމެން އެތެރެއަށް ވަންނާކަށް ނުބުނާނަންތަ؟“ އާރިފް ހިނިތުންވުމަކާއެކު އެންމެފަހުން އެއްސެވެ.
އާތިފްގެ ދުލުން ބަހެއް ބޭރެއް ނުވިއެވެ. އެކަމަކު އެތެރެއަށް ވަންނާށޭ ބުނުމުގެ ގޮތުން އަތުން އިޝާރާތް ކޮށްލިއެވެ. އެތެރެއަށް ވަންނަމުން ޒުލްފާ ވަށްކަޅިން އާތިފްއާ ދިމާލަށް ބަލާލާފައި ހީލިއެވެ. އެކަމަކު އާތިފް ޒުލްފާއަށް އެއްވެސް ރައްދެއް ނުދީ ދޮރު ލައްޕާފައި އެތެރެއަށް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.
ހައިޝަމް ޑރ. ޝަމީލް ގޮވައިގެން ރާހާގެ ކޮޓަރިއާ ދިމާލަށް ދަނިކޮށް އާރިފް ފެނިގެން ހުއްޓުން އެރިއެވެ. ރޯން އިން ހަސީނާއަށް ވެސް އެމީހުން ފެނިގެން ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނެވެ. އެއްވެސް އެއްޗެއް ނުބުނެ ހައިޝަމް ޑރ. ޝަމީލް ގޮވައިގެން ދިޔައެވެ.
”ހަސީނާއްތަ.. ކިހިނެއް؟“ އާރިފް ޒުލްފާ ގޮވައިގެން ސޯފާގައި އިށީންނަމުން ހަސީނާއާ ސުވާލުކުރިއެވެ.
”ރަ..ރަނގަޅު“ ހައިރާންވެހުރެ ޖަވާބުދެމުން ހަސީނާ ވެސް އިށީންނަމުން ބުންޏެވެ. އޭނާ ކައިރީގައި އާތިފްވެސް އިށީނެވެ. އަދި އެވަގުތު ހައިޝަމް ވެސް އެތަނަށް ގޮސް ދައްކަން އުޅޭ ވާހަކަ އަޑުއަހަން މަޑުކޮށްލިއެވެ.
”ވަރަށް ދެރަވި ރާހާއަށްވާ ގޮތް އަޑުއިވިފަ. ކިހާ ދުވަހެއްވެއްޖެތަ މިހާރު އެހެންވާތާ؟“ ޒުލްފާ ސުވާލުކުރިއެވެ.
”ކިހިނެއް އެނގުނީ ރާހާއަށް ކަމެއްވެގެން އުޅޭކަން؟“ އާތިފް ނުރުހުންވެފައި ހުރިހެން ސުވާލު ކުރިއެވެ.
”ދޮންބޭ. އަހަންނަށް އެނގޭ އަހަރުމެން ދެބެންގެ ދޭތެރޭ.. އުހުނ.. ދެ އާއިލާ ދޭތެރޭ.. ކަންތައްވީ ރަނގަޅަކަށް ނޫންކަން. އެކަމާ ދޮންބެމެން އަހަރުމެންދެކެ ވަރަށް ނަފްރަތު ކުރާކަންވެސް އެނގޭ. އެކަމަކު އެއީ މީގެ 10 އަހަރު ކުރިއެއްނު. ރާހާއަކީ އަދި ހައިޝަމްއަކީ ވެސް އަހަރުމެންވެސް ވަރަށް ލޯބިވާ ދެކުދިން. އަހަރުމެންނަށް ވެސް އަންގާލިނަމަ؟ ޝަމީލް ކައިރިއަށް އިއްޔެ ދިޔައިމަ އެނގުނީވެސް. އެއީއެއް ނޫނެއްނު އާއިލާ މީހުން އެކަކު އަނެކަކާ ދޭތެރޭ ކަންތައް ކުރަންވާނެ ގޮތަކީ؟“ އާރިފް ދެރަވެފަ ކަހަލަ ގޮތަކަށް ބުންޏެވެ.
”އާއިލާ މީހުން އެކަކު އަނެކަކާ ދޭތެރޭ ކަންތައް ކުރާހެނެއް ނޫނެއްނު ކުއްދޮންބެމެންވެސް އަހަރުމެންނާ ދޭތެރޭ ކަންތައްކުރީ“ ހިތްހަމަ ނުޖެހިފައި އިނދެ ހައިޝަމް ބުންޏެވެ. އަދި އެއްޗެއް ނުބުނެ އިނުމަށް އާތިފް އެވަގުތު ހައިޝަމްއަށް އަތުން އިޝާރާތް ކުރިއެވެ.
”ހައިޝަމް ވެސް މިހާރު ބޮޑުވެއްޖޭ ދޯ؟ އުފާކުރަން ދިފާއުގަ މިހާރު ބަސްބުނަން ކެރޭ ކުއްޖަކަށްވީތީ“ ހިނިތުންވުމަކާއެކު އާރިފް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
”އާނ އެހެންވެ މިބުނީ ރަނގަޅަކަށް ނޫނޭ ކަންތައްވީ. އަހަރުމެންނަށް ވެސް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް. އެކަމަށް މާފަށްވެސް އެދެން. ދިހަ އަހަރު ފަހުން މި ހިތްވަރު ހޯދައިގެން މިއަދު މިގެއަށް މިއައީ ހަމަ ރާހާއަށްޓަކައި. އަހަރުމެން އެއްވެސް ވަރަކަށް ލޯބިނުވަނީކީ ނޫން ތިކުދިންދެކެ ހައިޝަމް. އަދި ތިކުދިންގެ މައިންބަފައިންދެކެ ވެސް. ދޮންބޭ.. ވީކަންތައް މާޒީއަށް ދޫކޮށްލާފަ އަލުން އެއް އާއިލާއެއް ގޮތަށް މިކަމާ ނޫޅެވޭނެތަ؟ އަހަރުމެން ބައިވެރި ނުކުރާނަންތަ؟“ އާރިފް މަޑުމަޑުން އާތިފް ކައިރިއަށް އައިސް އޭނާގެ އަތުގައި ހިފާލާފައި ބުންޏެވެ.
”މާފު ކޮށްފިން. އިތުބާރު ކުރަން އުނދަގޫވާނެ. އެކަމަކުވެސް އަހަރެން ބޭނުމެއްނޫން އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި މީހާއާ އުމުރު ދުވަހު މޫނު ކެނޑިގެން އުޅޭކަށް“ އާތިފްވެސް ހިނިތުންވުމަކާއެކު ބުންޏެވެ. އެވަގުތު ވެސް ޒުލްފާ އާތިފްއާ ދިމާލަށް ބަލަން އިންކަން އާތިފަށް ފާހަގަވިއެވެ.
ޑރ. ޝަމީލް އެވަގުތު ރާހާގެ ކޮޓަރިން ނިކުމެގެން އައެވެ.
”ނިދިފަ އޮތީ. އެކަމަކު އޭގެ ކުރިން ކުޑަކޮށް ވާހަކަވެސް ދެއްކި. ރާހާ ބުނީ މަންމައަށް އެއްވެސް ކަމެއް ކުރެވުނުކަން ހަނދާނެއް ނުވެޔޭ. އޭނަ އެންމެފަހުން ހަނދާން ހުރީ ހޭލައިގެން ދެއަތަށް ބަލަން ހުރިކަން. ބަނޑުހައިވެފަ ހުރީ އެހެންވެ ރަނގަޅުވާނީ އަވަހަށް ނަގާފަ ކޮންމެވެސް އެއްޗެއް ކާން ދިނިއްޔާ. މިއަދު އެކަމަކު ރާހާ ގެންނާތި އިނގޭ ކްލިނިކަށް. މިހާރު ނެގިޔަސް އިންޖެކްޝަން ޖަހާފަ ހުރީމަ އަނެއްކާވެސް ނިދިދާނެ“ ޑރ. ޝަމީލް އިރުޝާދު ދީފައި އެތަނުން ހައިޝަމްއާއެކު ދިޔައެވެ.
ހަސީނާ ރާހާއަށް ކާންދޭން އެއްޗެއް ތައްޔާރު ކުރުމަށް އަވަހަށް ބަދިގެއަށް ދިޔައެވެ. އެވަގުތު ޒުލްފާ ވެސް އެހީވާން ބަދިގެއަށް ދިޔައެވެ.
”ހަސީނާއްތާ. އަހަރެން އަންނަންތަ ރާހާ ގޮވައިގެން؟“ ޒުލްފާ ހިނިތުންވުމަކާއެކު ސުވާލު ކުރިއެވެ. އާނ އެކޭ ބުނުމުގެ ގޮތުން ހަސީނާވެސް ބޯޖަހާލިއެވެ.
ކުޑައިރުކޮޅެއްފަހުން ޒުލްފާ ރާހާގެ އަތުގައި ހިފައިގެން ބަދިގެއާ ދިމާލަށް ގެނައެވެ. މަޑު ހިނގުމެއްގައި ރާހާ އައި އިރު އިސްތަށިގަނޑު އޮތީ މޫނުމައްޗަށް ވެއްޓިފައެވެ. އަނގައިން އެއްޗެއް ނުބުނެ މޭޒު ކައިރީގައި އިށީންނުމުން ހަސީނާ އޭނާ ކައިރީގައި ކާތަށި ބެހެއްޓިއެވެ. އެވަގުތު ރާހާވެސް ހަސީނާއާ ދިމާލަށް ބަލައިލުމުން، ދެމައިންގެ ހަތަރުކަޅި ހަމަވުމާއެކު ހަސީނާ ސިއްސައިގެން ގޮސް ފަހަތަށް ޖެހުނެވެ. ހަސީނާ ހުރީ ވަރަށް ބިރުގެންފައެވެ.
ހައިރާންކަމާއެކު ޒުލްފާ ރާހާގެ މޫނަށް ބަލައިލިއެވެ. އަދި ހަސީނާއާ ދިމާލަށް އެނބުރި ބަލައިލުމަށްފަހު ސުވާލު ކުރިއެވެ.
”ކިހިނެއްވީ ހަސީނާއްތާ؟“ ޒުލްފާ ސުވާލު ކުރިއެވެ.
”ކަމެއް ނުވޭ… ކުއްލިއަކަށް ހަމަ ސިއްސައިގެން ދިޔައީ.. އަހަރެން މިދަނީ ކުޑަކޮށް އޮށޯވެލަން އިނގޭ“ އާތިފް ގާތު ހަސީނާ ބުންޏެވެ.
އާތިފް ހަސީނާ ގޮވައިގެން ދިޔުމުން އާރިފް ވެސް ކާން އިން ރާހާ ކައިރިއަށް ދިޔައެވެ. އަދި ލޯބިން ރާހާގެ ބޮލުގައި މަޑުމަޑުން ފިރުމާލާފައި ޒުލްފާއަށް ބުންޏެވެ.
”ލޯބި ލޯބި ކުއްޖެއް މީދޯ؟ އަހަރެން އެންމެ ބޭނުންވި ކަހަލަ އަންހެން ދަރިއެއްހަމަ ދޮންބެއަށް ލިބުނީ“ އާރިފް ބުންޏެވެ.
”އާރިފް އެންމެ ބޭނުންވާ ކަހަލަ ހުރިހާ އެއްޗެއް ވެސް ދޮންބެއަކަށްނު ލިބުނީ“ ދިމާކުރާ ގޮތަށް ޒުލްފާ ބުންޏެވެ.
އެވަގުތު އެތަނަށް ހައިޝަމް ދިޔައެވެ. އަދި އާރިފްއާއި ޒުލްފާ ރާހާ ކައިރީގައި ހުރުމުން ހިތްހަމަ ނުޖެހިފައި އެތަނަށް ދިޔައެވެ.
ހައިޝަމް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަން އެނގުމުން އާރިފް ރާހާ ކައިރިން ދުރަށް ޖެހިލިއެވެ. އަދި އާތިފް އަނބުރާ އައުމުން، ދެން ދަނީއޭ ބުނެ އެގެއިން އެދެމަފިރިން ނިކުތެވެ.
”ބައްޕަ ކީއްކުރަން އެމީހުންނަށް އަނެއްކާ އަނެއް ޗާންސް ދިނީ“ ރުޅި އައިސްގެން ހައިޝަމް އެހިއެވެ.
”އާއިލާވީމަ ދަރިފުޅާ. ބައްޕަގެ ނެތް ބައްޕަ އާއިލާގެ އެހެން އެކަކުވެސް މިހާރަކު“ ދެރަވެފައި އާތިފް ބުންޏެވެ.
”އާއިލީ ގުޅުން ދަމަހައްޓަން ޖެހެނީ ބައްޕައަށް އެކަންޏެއް ނޫނެއްނު. ބައްޕަ މާފު ކުރިޔަސް މަ ހަނދާނެއް ނުނެތޭނެ އެމީހުން ކަންތައް ކުރި ގޮތެއް. އޮޅުވާލައިގެން ބައްޕަގެ ވިޔަފާރިން ވެސް ބޭރުކޮށްލި މީހުން އެއީ. ކިހާ ދަތިހާލުގަ އުޅެން ޖެހުނީ އަހަރުމެންނަށް އެމީހުންނާ ހެދި؟ މަގޭ އޭ ލެވެލްގެ ފަހު އަހަރު އެއީ، އެކަމަކު މަށަށް ޖެހުނީ ކިޔަވަމުން މަސައްކަތްވެސް ކުރަން. އީޒީއެއް ނޫނޭ ބައްޕާ. ޝަކުވާއެއް ނޫން މިކުރަނީ. އެކަމަކު އެއިރު މަންމައާއި ބައްޕަ އުޅުނު ބިކަހާލާ ރުއި ރުއިންވެސް މަށަށްދޯ ފެންނާނީ؟ މަ ޤަބޫލެއް ނޫން އެމީހުން ރާހާގެ މިކަންތަކުގަ ބައިވެރި ކުރާކަށް“ ރުޅިއައިސްގެން ތުރުތުރު އަޅަމުން ހައިޝަމް ބުންޏެވެ.
”އިނގެޔޭ ދަރިފުޅާ. ބައްޕަ ވެސް އެއްވެސް ކަމެއް ހަނދާން ނެތުނީކީ ނޫން. އެކަމަކު މީހަކު ކަންތައް ކުރާހާ ގޮތަކަށް އަހަރުމެން ކަންތައް ކުރާކަށް ނުވާނެއްނު. ހިނގާ ރާހާ ކޮޓަރިއަށްލާފަ އަހަރުމެން ދެބަފައިން ކޮފީއަކަށް ގޮސްލާފަ އަންނަން“ ހައިޝަމް ހަމަޖެއްސުމުގެ ގޮތުން އާތިފް ބުންޏެވެ.
”މަންމަ އެކަންޏެއްނު އޭރުން ރާހާއާއެކު ހުންނާނީ؟“ ހާސްވެފައި ހައިޝަމް ބުންޏެވެ.
”މަންމައަށް އޮތީ ނިދިފަ. ޑރ. ޝަމީލް ބުނިގޮތުންވިއްޔާ ރާހާވެސް ނިދާނެހެން ހީވަނީ. އެހެންނޫނަސް މިތާ ކަންމައްޗެއްނު. އަވަހަށް އަންނާނީ“ އާތިފް އެހެން ބުނެ ރާހާ ކައި ނިމުމުން ކޮޓަރިއަށްލާން ގެންދިޔައެވެ. އަދި އެނބުރި އައުމުން އާތިފް އާއެކު ބޭރަށް ނިކުތެވެ.
އޭގެ ފަނަރަ ވަރަކަށް މިނެޓު ފަހެވެ. ބޭރު ދޮރު ހުޅުވާފައި ގޭތެރެއަށް ހައިޝަމްއާއި އާތިފް ވަންއިރު، ރާހާ ވަރަށް ބާރަށް ރޯ އަޑު އިވުނެވެ. ދެ މީހުންވެސް ގޮސް ރާހާގެ ކޮޓަރީ ދޮރުމައްޗަށް އެރި އިރު އެތަނުގައި އޭނާއެއް ނެތެވެ.
ހައިރާންކަމާއެކީ ވިސްނާލުމުން، އަޑު އަންނަނީ އާތިފްގެ ކޮޓަރިންކަން ދެމީހުންނަށް ވެސް ވިސްނުނެވެ. ގަން ބިރުން ދެ ލޯ ބޮޑުވެ ދެބަފައިން އެއްކޮށް އަވަހަށް އާތިފްއާއި ހަސީނާގެ ކޮޓަރީ ދޮރު ބާރަށް ހުޅުވާލިއެވެ.
ދޮރު ކައިރިން ތަޅުންގަނޑުގައި ރާހާ އޭނާގެ ބޮލުގައި އަތް ދެ އަތް އަޅައިގެން ރޯން އިން އިރު، ދެ އަތުގައި ލޭ ހޭކިފައިހުރިތަން ފެންނަން ހުއްޓެވެ. ރާހާގެ ކައިރީގައި، ބަދިގޭގައި ކައްކަން ގެންގުޅޭ އެންމެ ތޫނު ވަޅި ތަޅުންގަނޑުމައްޗަށް ވެއްޓިފައި އޮތެވެ. އޭގައިވެސް ހުރީ ހުސް ލެއެވެ. ހައިޝަމްއާއި އާތިފްވެސް ބިރުން މަޑުމަޑުން އެނދާ ދިމާލަށް ބަލައިލުމަށްފަހު، ބިރުން ހަޅޭލަވައިގަނެ، ތަޅުންގަނޑަށް ވެއްޓުނެވެ.
އެނދުމަތީގައި ލެއިން ތަތްތެޅިފައި އޮތީ ހަސީނާގެ ފުރާނަ ނެތް މަސްގަނޑެވެ. ހަށިގަނޑުގެ އެތަންމިތަނަށް ވަޅިން ހަމަލާދީފައި ހުރިތަން ފެންނަން ހުރި އިރު އެވަގުތުވެސް އެ ޒަހަމްތަކުން ލޭތައް އޮހޮރެމުން ދިޔައެވެ.
=އެޕިސޯޑް 2 ނިމުނީ=



