ޕައިއަކީ ގިނަ ދިވެހިންވެސް ވަރަށް ލޯބިކުރާ ލުއި ފޮނި ކާއެއްޗެކެވެ.
ތަފާތު އެކި ވައްތަރުގެ ޕައި ގިނަ ގޭގޭގައި ޚާއްސަކޮށް ރޯދަމަހު ތައްޔާރު ކުރާކަން ފާހަގަ ވެއެވެ.
އެގޮތުން މިފަހަރު މި ގެނެސްދެނީ ލެމަން ޕައި ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
° 1 ދަޅު ގެރިކިރު
° 3 ބިހުގެ ގޮބޮޅި
° 2 މޭޒުމަތީ ސަމުސާ ގާނާފަ ހުރި ލުނބޯ ތޮށި
° 1/2 ޖޯޑު ލުނބޯ ހުތް
° 1 ޖޯޑު ވިޕިން ކުރީމް
° 3 މޭޒުމަތީ ސަމުސާ ހަކުރު
ޕައިގެ ފުށްގަނޑު ހެދުމަށް:
° 12 މޭޒުމަތީ ސަމުސާ ބަޓަރު
° 3 ޖޯޑު ފުށް
° 1 މޭޒުމަތީ ސަމުސާ ލޮނު
° 1 މޭޒުމަތީ ސަމުސާ ހަކުރު
° 1 މޭޒުމަތީ ސަމުސާ މާޖިރިން ނުވަތަ ވެޖެޓަބަލް ޝޯޓެނިން
° 6 މޭޒުމަތީ ސަމުސާ ފިނި ފެން
ތައްޔާރުކުރާނެ ގޮތް:
– އެންމެފުރަތަމަ ޕައިގެ ފުށްގަނޑު ހެދެމަށް ޕައި ފުށް ގަނޑަށް ބޭނުންވާ ތަކެތި އެއްކޮށްލުމަށްފަހު ފްރިޖަށް 30 މިނެޓް ވަންދެން ބާއްވާށެވެ.
– ދެން ޕައި ފުށްގަނޑު ފަރިޖުން ނެގުމަށްފަހު ބޭކިން ޓުރޭގައި ފުށްގަނޑު ރީތިކޮށް، ހުރިހާ ފަރާތެއްވެސް އެއްވަރަށް ފަތުރާލާށެވެ.
– އެއަށްފަހު ގެރިކިރު، ހަކުރު، ބިހުގެ ގޮބޮޅި، ގާނާފަ ހުރި ލުނބޯ ތޮށި އަދި ލުނބޯ ހުތް މިކްސަރުން ގިރާލާށެވެ.
– ރަނގަޅަށް ގިރާލެވުމުން ޕައި ޓުރޭގެ ތެރެއަށް އެޅުމަށްފަހު 350 ޑިގްރީ ސެލްސިއަސް ގައި 15 މިނެޓް ވަން ފިހެލާށެވެ.
– ޕައި ފިހެވުމުން އަވަނުން ނަގާ، އަނެއްކާވެސް ފްރިރިޖަށް ލުމުގެ ކުރިން ހިހޫވަން ދެން ބޭރުގައި ބަހައްޓަން ވާނެއެވެ. ހިހޫވުމުން ގާތްގަނޑަކަށް 2 ގަޑީރެއްހާއިރު ވަންދެން ފްރިޖަށް ލާފައި ބަހައްޓަން ވާނެއެވެ.
– ދެން ފްރިޖުން ނެގުމަށް ފަހު ވިޕް ކުރީމް، ވިޕް ކޮއްލުމަށް ފަހު ޕައި މަތީ ފަތުރާލާށެވެ.
ލެމޮން ޕައި ތައްޔާރުވީއެވެ.


