މޯލްޑިވިއަންގެ ދަތުރުތައް މި އަހަރުގެ ތެރޭގައި ސައުތު އެފްރިކާއާއި ޖަރުމަނަށް ފަށަން ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ ތެރޭގައި ޖަރުމަނުވިލާތަށާއި ސައުތު އެފްރިކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އެ ކުންފުނިން ވަމުން އަންނަކަން ހާމަކޮށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން އެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
އަމީން ވަނީ މިއީ ދުރު މަންޒިލްތަކުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ވަގުތު ސަލާމަތްވާނެކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
މި އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ އެއަރކްރާފްޓެއް ރާއްޖެ ގެންނާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. މޯލްޑިވިއަން އިން ދަނީ އިތުރު ބޯޓެއް ގެނެސް ޔޫރަޕްގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




