ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމަ ނިމުމަކަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަކަށްފަހު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
“ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އިއްޔެ ވަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވުނު މި ބިރުވެރި، ހަނގުރާމަ އެންމެ ފަހުން ނިމުމަކަށް އައުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތް،“ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޯފް ބުރާސްފަތި ދުވަހުގެ ރޭ މޮސްކޯގައި ޕޫޓިންއާއެކު ދިގު ބައްދަލުވުމެއް ބާއްވާފައިވާކަމަށް އެކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.
އެމެރިކާގެ ރައީސް ވިދާޅުވީ ތިން ވަނަ ބޮޑު ހަނގުރާމައަށް ދިއުމުގެ ފުރުސަތު އޮތް މި ހަނގުރާމަ ހުއްޓާލުމަށް މޮސްކޯ އާއި ކިއެވް އެއްބަސްވާން ބޭނުންވާ ކަމަށެވެ.
ޓްރަމްޕާއި ޕޫޓިން އެކަކު އަނެކަކާ ވާހަކަ ދެއްކެވިކަން ޔަޤީންވާ މޭރުމަކުން ޓްރަމްޕްގެ ޕޯސްޓުގައި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ނަމަވެސް ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ޕޫޓިން އެ ބައްދަލުވުން ބޭނުން ކުރީ ވިޓްކޯފް މެދުވެރިކޮށް ޓްރަމްޕަށް ”ޚަބަރު“ ފޯރުކޮށްދިނުމަށް ކަމަށެވެ. ވިޓްކޯފް ޓްރަމްޕަށް މައުލޫމާތު ދިނުމުން ރަޝިޔާ އާއި އެމެރިކާއިން ދެ ޤައުމުގެ ރައީސުންގެ މެދުގައި ފޯނު ކޯލެއް ކުރާނެ ވަގުތު ކަނޑައަޅާނެ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.




