ތިން ރަށެއްގެ ފުޓް ބޯޅަދަނޑު ނިންމަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި އެކު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ އާއި އދ. ހަންޏާމީދޫ އަދި ބ. މާޅޮހުގެ ފުޓްބޯޅަ ދަނޑު ނިންމުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.
އެގޮތުން މި އެއްބަސްވުމުގެ ދަށުން ކާށިދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތުގައި ހިމެނޭ ޑްރޭގް ބްރަޝް ހޯދުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. މި މަސައްކަތަށް 86،400.00 ރުފިޔާ ހަރަދުވާނެއެވެ.
ހަމައެހެންމެ ހަންޏާމީދޫގެ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގެ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުމާއި، ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ 90 ދުވަހުގެ ތެރޭގައި ނިންމަމެށެވެ. މި މަސައްކަތަށް 5.8 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
މި އެއްބަސްވުމުގެ ދަށުން މާޅޮހު ފުޓްބޯޅަ ދަނޑުގެ ތަރައްޤީީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ޓާފް ސަޕްލައިކޮށް އިންސްޓޯލްކުރުން، ލައިންޓިން ސިސްޓަމް ހަރުކުރުން، ވަށާފާރު ރާނައި، ފެންސް ޖެހުމުގެ އިތުރުން ރޮސްޓްރަމްގެ މަސައްކަތެވެ. މި މަސައްކަތަށް 11.9 މިލިއަން ރުފިޔާ ހޭދަވާނެއެވެ.
މި އެއްބަސްވުމުގައި ވާގޮތުން މި މަސައްކަތްތައް ނިންމަން ދީފައި ވަނީ ތިން މަސްދުވަހެވެ.
އެ ތިން ރަށުގެ ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އިތުރުން ކުޅިވަރާއި ބެހޭ މިނިސްޓްރީން ވަނީ އއ. ތޮއްޑޫގެ އިންޑޯ ބެޑްމިންޓަން ހޯލު ގާއިމްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އާރްޑީސީއާ އާއެކު މިއަދު ސޮއި ކޮށްފައެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 180 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަސައްކަތަށް ފަސް މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެއެވެ.
މި އެއްބަސްވުންތަކުގައި ކުޅިވަރާއި ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރުއެވެ.



