އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިންޒާރާއެކު އެ ޤައުމުން ޔަމަނުގެ އެކި ސަރަހައްދުތަކަށް ބޮމުގެ ހަމަލާތަކެއް ދީފިއެވެ.
ޓްރަމްޕް ވަނީ ޔަމަނުގައި އުޅޭ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރާނެކަމަށް އިއްޔެ އިންޒާރުދީފައެވެ. އެ އިންޒާރާއެކު ރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޔަމަނުގައި ހޫތީން އުޅޭ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. އަދި އެ ހަމަލާތައް ދިނުމުގައި އެމެރިކާއާއެކު އިނގިރޭސިލާތްވެސް ބައިވެރިވެފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. ނަމަވެސް މިކަމާ ގުޅިގެން އެ ޤައުމުން އަދި ސީދާ ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.
”އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަނިޔާވެރި ހަމަލާތަކެއް، ވެރިރަށް ސަންއާގެ އުތުރުން އޮންނަ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ވަނީ އަމާޒުކޮށްފައި،“ ޔަމަންގެ ޓީވީ ޗެނަލް އަލް މަސީރާ އިން ބުންޏެވެ.
އެމެރިކާއިން ޔަމަނަށް ދިން މި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 13 މީހަކު މަރުވެފައިވާކަމަށް ހޫތީން ހާމަކޮށްފައިވެއެވެ.
ހޫތީންނަށް ހަމަލާދޭން ޓްރަމްޕް ފަށާފައިމިވަނީ، ޣައްޒާއަށް އިޒްރޭލުން ދެމުންގެންދިޔުމުންނާއި އެހީގެ ސާމާނު ޣައްޒާއަށް ވެއްދުން އިޒްރޭލުން ހުއްޓުވާފައި އޮންނަ އޮތުމާ ދެކޮޅު ހެދުމުގެ ގޮތުން ރަތް ކަނޑުގައި އަލުން ”އިޒްރޭލާއި އިޒްރޭލާ ގުޅުން އޮންނަ“ އުޅަނދުތަކަށް އަލުން ހަަމަލާ ދޭން ފަށާނެކަން ހޫތީން އިއުލާނުކޮށްފައި ވަނިކޮށެވެ.




