ބޮލީވުޑްގެ ނަން މަޝްހޫރު އެކްޓަރ އަދި ޕްރޮޑިއުސަރ އާމިރް ޚާންއަކީ މީޑިއާތަކާ ގިނަ ފަހަރަށް ވަރަށް ދުރު މީހެކެވެ. ގިނަ ފަހަރަށް އެކިއެކި އެވޯޑު ޚަފްލާތަކުންނާއި ޝޯތަކުން ވެސް ނުފެންނަ އާމިރް ޚާނަކީ އިންޓަވިއުތައް ދިނުމާއި އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަށް ހިއްސާ ކުރުމާވެސް ވަރަށް ދުރު ފަންނާނެއްކަން ގިނަ މީހުން ފާހަގަ ކުރެއެވެ.
ޚާއްސަކޮށް ކިރަން ރާއޯއާއި އޭނާގެ ދުވަސްވީ ކައިވެނި ރޫޅުމަށްފަހު، އާމިރް ޚާން ވަނީ ދުވަސްތަކެއް ވަންދެން ކެމެރާތަކާ އެއްކޮށްހެން ދުރުވެފައެވެ.
ނަމަވެސް މިހުރިހާ ކަމަކަށް އޭނާ ބަދަލެއް ގެނައީ، އޭނާގެ 60 ވަނަ އުފަން ދުވަހުއެވެ. އެދުވަހު އާމިރް ޚާން އަމިއްލައަށް ވަނީ އޭނާގެ އައު ލޯބިވެރިޔާ ގޯރީ ސްޕްރަޓް، މީޑިއާތަކަށް ތަޢާރަފް ކޮށްދީފައެވެ. އާމިރް ޚާން ބުނީ ގޯރީ އަކީ އޭނާގެ ޕްރޮޑަކްޝަން ހައުސްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި ހަ އަހަރުގެ އަންހެން ކުއްޖެއްގެ މަންމައެއް ކަމަށެވެ.
އާމިރް ޚާން އޭނާގެ އައު ލޯބިވެރިޔާ އެންމެންނަށް ތަޢާރަފްކޮށްދީފައިވާއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާގެ ކުރީގެ އަނބިމީހާ ކިރަން ވަނީ އެމީހުންގެ ކައިވެނި ރޫޅެން ޖެހުނު ބައެއް ސަބަބުތައް މީޑިއާއާ ހިއްސާ ކޮށްފައެވެ.
ޕޮޑްކާސްޓެއްގައި ބައިވެރިވެ ދިން އިންޓަވިއުއެއްގައި ކިރަން ބުނީ އާމިރްއާއެކު އޭނާ ކުރިން އެ ޕްރޮޑަކްޝަން ހައުސްގައި މަސައްކަތް ކުރިނަމަވެސް، ކިރަންއަށް އެއްވެސް ކުރިއެރުމެއް ނުލިބުނު ކަމަށާއި އަބަދުވެސް އޭނާ ހުންނަން ޖެހުނީ އާމިރްގެ ފަހަތުގައި ކަމަށެވެ. އާމިރަކީ މަޝްހޫރު ތަރިއަކަށްވުމުން، އަބަދުވެސް މީހުންނަށް ކިރަން ފާހަގަވަމުން ދިޔައީ އާމިރަށްފަހު ކަމުގައި ވެސް ކިރަން ބުނެފައިވެއެވެ. އަދި އެ ދެމީހުންނަކީ ދެ ދީނެއްގެ، ދެ އަވަށެއްގެ މީހުންނަށްވުމުން ވެސް އެ ކައިވެނީގައި ފަހަކަށް އައިސް ބޮޑެތި މައްސަލަތަކެއް ޖެހުން ކަމުގައި ކިރަން ބުނެފައިވެއެވެ.



