ތަފާތު އެކި ވައްތަރުގެ ޕުޑިންނަކީ ގިނަ ދިވެހިންނަށް ވަރަށް ކަމުދާ ފޮނި ކާއެއްޗެކެވެ.
އެހެންކަމުން މިފަހަރު މި ގެނެސްދެނީ ޕުޑިންގެ މުޅިން ތަފާތު ވައްތަރެއްކަމަށްވާ، މެންގޯ ޕުޑިން ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
° 2 1/2 ޖޯޑު ފިނިކުރި ފެން
° 2 ޖޯޑު ހަކުރު
° 500 ގްރާމް އަނބު
° 2 މޭޒުމަތީ ސަމުސާ ޖެލަޓިން
° 1 ޖޯޑު ކުރީމް
° 1 ސައިސަމުސާ ލުނބޯ ހުތް
ތައްޔާރުކުރާނެ ގޮތް:
– އެންމެ ފުރަތަމަ ދެބައި ކުޅަ އެއްބައިގެ ފެން އަދި ހަކުރު މަޑު ގިނީގައި ހަކުރު ވިރެންދެން ކައްކާލާށެވެ.
– ދެން އަލިފާން ނިވާލުމަށްފަހު މިކްސަރުން ކުޑަކޮށް އަނބުކޮޅު ގިރާލުމަށްފަހު ހަކުރު، ފެނުގެ ތެރެއަށް އަޅާލާށެވެ. ބޭނުންނަމަ އަނބާއި ހަކުރު، ފެނާއެކީ އިތުރަށް މިކްސަރުން ގިރާލެވިދާނެއެވެ.
– ބާކީ ހުރި ފެންފޮދު ކައްކާލުމަށްފަހު ބާކީހުރި ހަކުރުކޮޅާއި، ލުނބޯ ހުތް އަދި ޖެލަޓިން އޭގެތެރެއަށް އަޅައި އެއްކޮށްލާށެވެ.
– ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރެވުނީމައި ކުރިން ހެދި އަނބު މިކްސް އޭގެ ތެރެއަށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
– ދެން ޓްރޭއެއް ނުވަތަ ތަށްޓަކަށް އެޅުމަށްފަހު، ރަނގަޅަށް ސެޓް ވަންދެން (2 ގަޑީރެއްހާއިރު) ފްރިޖަށްލާފައި ބަހައްޓާށެވެ.



