ޕޭންކަކީ ވެސް ގިނަ ދިވެހިންނަށް ވަރަށް ކަމުދާ ފޮނި ކާއެއްޗެކެވެ. އަދި މިއީ ހަވީރުގެ ސަޔަށް ތައްޔާރުކޮށްލަން ހަމަ ވަރަށް ކަމުދާ ކާއެއްޗަކަށް ވާނެކަން ޔަގީނެވެ.
ނަމަވެސް މިފަހަރު މިކިޔައިދެނީ އާދައިގެ ޕޭންކޭކް ތައްޔާރު ކުރާނެ ގޮތެއް ނޫނެވެ. ތަފާތު ވައްތަރެއް ކަމަށްވާ އޯރިއޯ ޕޭންކޭކް ތައްޔާަރު ކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
▪︎ ބޮޑު 2 ޕެކެޓު އޯރިއޯ ބިސްކޯދު (ކްރީމްބައި ނަގާފަ- ނަމަވެސް މިބައިވެސް ބޭނުންވާނެ)
▪︎ 1 ޖޯޑު ކިރު
▪︎ 1 ބިސް
▪︎ 1 ސައިސަމުސާ ބޭކިން ޕައުޑަރ
▪︎ 1 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ
▪︎ 1 މޭޒުމަތީ ސަމުސާ ގެރިކިރު
ތައްޔާރު ކުރާނެ ގޮތް:
ޕެންކޭކު ބައި:
– އެންމެ ފުރަތަމަ އަޮރިއޯ ބިސްކޯދާއި، ކިރު އަދި ބިހާއި ބޭކިން ޕައުޑަރ މިކްސަރަކަށް އެޅުމަށްފަހު ރަނގަޅަށް މުގުރާލާށެވެ. މުގުރުމަށްފަހު ވަކިން ތައްޓަކަށް އެ ޕޭންކޭކް ފުށްކޮޅު އަޅާފައި ސަމުސަލަކުން އެއްކޮށް ގިރާލާށެވެ.
– އެއަށްފަހު ތަވާ އުނދުން މައްޗަށްލާ މަޑު ގިނީގައި ހޫނު ކޮށްލުމަށްފަހު ކުޑަ ތެޔޮފޮދެއް އަޅާފައި، ފޮޅި ފިހާ ގޮތަށް ފަހަރަކު ފުށްކޮޅެއް އަޅައި ފިހެލާށެވެ. މުށިކުލަ އަރަންދެން ދެ ފުށްވެސް ފިހެލަން ވާނެއެވެ.
ކްރީމްބައި:
– ތައްޓަކަށް ބަޓަރ އާއި ބިސްކޯދުގެ ކްރީމް ބައި އަދި ގެރިކިރު އަޅާ ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއިރުން ކްރީމް ބައި ތައްޔާރުވީއެވެ.
– ދެން ތައްޔާރުކުރި ކްރީމް ބައި ފިހެފައިވާ ފޮޅިއެއްގެ އެއްފަޅީގައި ހާކާލާށެވެ. އެއަށްފަހު އޭގެ މަތީގައި އެހެން ފޮޅިއެއް ބާއްވާލާށެވެ. ހުރިހާ ފޮޅި އެއްވެސް މިގޮތަށް އަތުރާލާށެވެ. އޭގެފަހުން މެދުން ނުވަތަ ބައިބަޔަށް ކަފާލާށެވެ.




