މޯލްޑިވިއަންގެ އެއާ އެމްބިއުލާންސްގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.
އަހަރީ ދުވަސް ފާހަގަކުރީ އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ. މި ހަފްލާގައި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިދިޔަ އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހު ރަސްމީކޮށް ފެށުނު މި ޚިދުމަތުން ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 931 ބަލިމީހުން އުފުލުމަށް 787 ދަތުރު ކޮށްފައިވެއެވެ. މި ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ބޮމްބާޑިއަރގެ ހުއްދައާއެކު އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ބަދަލުކުރެވިފައިވާ ޑޭޝް 8 މާކާގެ އެއަރކްރާފްޓެކެވެ.
މި ޚިދުމަތް ދިނުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުންނާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭ ގޮތަށް 15 މުވައްޒަފުން ވަނީ ތަމްރީނު ކުރެވިފައެވެ. މިއީ 24 ގަޑިއިރު މެޑިކަލް ޕްރޮފެޝަނަލުން ތިބޭ، އެކަށީގެންވާ ވަސީލަތްތަކާއެކު ދެވޭ ޚިދުމަތެކެވެ.
”އެއާ އެމްބިއުލާންސްގެ ޚިދުމަތުން ދިވެހިރާއްޖޭގައި މެޑިކަލް އިވެކުއޭޝަންގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްދީފައިވޭ،” މިނިސްޓަރ އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މިނިސްޓަރ އަމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއީ ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމަ ކަމާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އަދި މި ޚިދުމަތް ފައްޓަވައިދެއްވި ކަމަށްޓަކައި މިނިސްޓަރު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.




