ކުޑަ ދުވަސްކޮޅެއްގެ ހަމަޖެހުމަށްފަހު، އިއްޔެއަކީ ޣައްޒާއަށް އަނެއްކާވެސް ނާމާން ދުވަހެކެވެ. އަރާމު ނިންޖެއްގައި ނިދާފައިތިބި ފަލަސްތީނުގެ އެ ރައްޔިތުން ނިދިން ހޭލެވުނީ، އެއްވެސް އިންޒާރަކާ ނުލައި އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގެ އަޑަށެވެ.
އެތައް ދުވަހަކަށްފަހު އެކުވި އާއިލާއާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެއްވެސް ކުށެއް ނެތި ވަކިވެގެން ދާން ޖެހުނީއެވެ. މީގެކުރިން އިޒްރޭލުން ދިން ނިރުބަވެރި ހަމަލާތަކުން ސަލާމަތްވުމުގެ ނަސީބު ލިބުނު އެތައް އާއިލާއެއް ވެސް މިފަހަރުގެ ހަމަލާތަކުގައި މިދުނިޔެއިން ވަކިވެގެން ދާން ޖެހިއްޖެއެވެ.
އިއްޔެ ދޭން ފެށި އެ ހަމަލާގައި މިހާރުވެސް ޣައްޒާގެ 400 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު 500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.
އެގޮތުން ޝަހީދުވި އެއް އާއިލާއަކީ ޔޫރޯ މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓޯގެ ޗެއާމަން ރާމީ ޢަބްދުގެ ދައްތައާއި އޭނާގެ ފިރިހެން ދަރި އުބައިދު އާއި އުބައިދުގެ އަންހެނުން މަލަކްގެ އިތުރުން އޭނާގެ ކުޑަ ދެ ދަރިން ކަމަށްވާ އުމަރްއާއި ލަޔާން އެވެ.
ރާމީ ބުނިގޮތުގައި އިޒްރޭލުން ކުރިން ދިން ހަމަލާތަކުން އެ އާއިލާވަނީ ސަލާމަތްވެފައެވެ. ނަމަވެސް އިއްޔެ ދިން ބޮމުގެ ހަމަލާގައި އެ އާއިލާގެ އެންމެން ވަނީ ޝަހީދުވެފައެވެ.
”އިޒްރޭލުން އަހަރެންގެ ދައްތައާއި އާއިލާ ޝަހީދު ކޮށްލައިފި. ބިމުގެ ބޭނުމުގައި އިޒްރޭލަށް އަހަރުމެން ނައްތާލައި، ޝަހީދު ކޮށްލެވިދާނެ. އެކަމަކު އަހަރުމެންގެ މި ބިން އެމީހުންނަށްދީ، މިތަން ދޫކޮށްފައިދާން ދުވަހަކުވެސް އެއްބަހެއް ނުކުރެވޭނެ!“ ރާމީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
ރާމީއާއި ޣައްޒާގެ އެތައް ރައްޔިތުންނެއް ބުނަމުންދަނީ މި އިމްތިހާނަށް ހިތްވަރާއެކު ކެތްތެރިވާނެ ކަމަށާއި ކިތަންމެ ގިނަ ދުވަހެއްވި ކަމުގައިވިޔަސް އިންސާފު ލިބޭނެ ކަމަށެވެ. އަދި އެމީހުންނާމެދު އަނިޔާވެރިވީ އެންމެންނަށް ވެސް އެމީހުންގެ އެ އަމަލުތަކުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.



