ބޯހިޔާވަހިކަމަށް ދޫކުރާ ’ހިޔާވެހި‘ ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން ބުނީ އެ ސްކީމްގެ ދަށުން ލޯނު ދޫކުރާ ތިން ކެޓަގަރީއަށް ފޯމު ހުށަހެޅުން ވެސް އަންނަ މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
ލޯނަށް އެދި ހުށަހަޅަން ޖެހެނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.
ހިޔާވެހި ލޯނަކީ ބިން އޮވެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ގެދޮރު އިމާރާތްކުރުމަށް ސަރުކާރުން ދޫކުރާ ލޯނު ސްކީމެކެވެ. މި ލޯނުގެ އިންޓަރެސްޓަކީ 5 ޕަސެންޓެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 25 އަހަރުގެ މުއްދަތު ދެވޭނެއެވެ. ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 18 މަސްދުވަސް ދެވޭނެއެވެ.
ލޯނު ދޫކުރާ ކެޓަގަރީތަކަކީ:
1- ހިޔާވެހި ފައިނޭންސިން ރަށްވެހި: އަތޮޅުތަކުގައި ގެދޮރު އަޅަން 1 މިލިއަން ރުފިޔާއާ ހަމައަށް އިކުއިޓީ ބަހައްޓާކަށް ނުޖެހޭނެ)
2- ހިޔާވެހި ފައިނޭންސިން ސަހަރު: އާބަން ސެންޓަރުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ގެދޮރު އަޅަން 3 މިލިއަން ރުފިޔާއާ ހަމައަށް 5-10 ޕަސެންޓާ ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
3- ހިޔާވެހި ފައިނޭންސިން: ފަހިމާލެ މާލެ ސަރަހައްދުގައި ގެދޮރު އަޅަން 6 މިލިއަން ރުފިޔާއާ ހަމައަށް 5-10 ޕަސެންޓާ ދެމެދުގެ އިކުއިޓީއެއް ބަހައްޓަން ޖެހޭނެ)
ލޯނު ދޫކުރުމުގައި ބީއެމްއެލް، އެމްއައިބީ އަދި އެޗްޑީއެފްސީ ބައިވެރިވެއެވެ. ރަށްވެހި ސްކީމްގެ ލޯނު ދޫކުރާނީ އެޗްޑީއެފްސީންނެވެ. އަދި ސަހަރާއި ފަހިމާލެ ސްކީމްގެ ލޯނު ދޫކުރާނީ ބީއެމްއެލް އާއި އެމްއައިބީންނެވެ.
ލޯނަށް އެދޭ ފަރާތުގެ ޝަރުތަކީ އުމުރުން 18 އަހަރުވެފައިވުމާއި އަމިއްލަ ބިމެއް އޮތުމެވެ.




