ބަޓަރ ޗިކަންއަކީ ހަމަގައިމުވެސް މިހާރު ދިވެހިންނަށް އައު ކެއުމަކަށް ނުވާނެއެވެ.
ފުރަތަމަ އިންޑިއާގެ ކެއުމެއްގެ ގޮތުގައި ތައާރަފްވި މި ކެއުމަކީ މިހާރު ދިވެހިންގެ ތެރޭގައި ވެސް ކުދިބޮޑު ގިނަ މީހުންނަށް ކަމުދާ ކެއުމެކެވެ. ޚާއްސަކޮށް މިއީ ރޮށްޓާއި، ފަރާޓާ ނުވަތަ ނާނުއާއެކީ ކާލެވޭ ވަރަށް މީރު ސައިޑް ޑިޝްއެކެވެ.
ބޭނުންވާނެ ތަކެތި:
▪︎ 500 ގްރާމް ބޯންލަސް ޗިކަން
▪︎ ½ ޖޯޑު ޕްލެއިން ޔޯގަޓް
▪︎ ¾ ޖޯޑު ކާށި ކިރު
▪︎ 2 މޭޒުމަތީ ސަމުސާ ބަޓަރު
▪︎ 1 ފިޔާ
▪︎ 4 ލޮނުމެދު
▪︎ 7 ކާފުރުތޮޅި
▪︎ 1 ސައިސަމުސާ ގަރަމް މަސާލާ
▪︎ 2 ސައިސަމުސާ ކޮތަންބިރި
▪︎ 2 ސައިސަމުސާ ދިރި
▪︎ 1 ސައިސަމުސާ ތެޅިމިރުސް (ނޫނީ ބޭނުން ވަރަކަށް)
▪︎ 2 ސައިސަމުސާ ތަންދޫރީ މަސާލާ
▪︎ ½ ޖޯޑު ޓޮމާޓޯ ޕިޔުރީ
▪︎ 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
▪︎ 2 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
▪︎ 2 މޭޒުމަތީ ސަމުސާ ތެޔޮ
▪︎ 1 މޭޒުމަތީ ސަމުސާ ހަކުރު
ތައްޔާރުކުރާނެ ގޮތް:
▪︎ އެންމެ ފުރަތަމަ ކުކުޅުކޮޅު ކޮށާލާށެވެ. ކޮށާނީ ކުޅިމަހަށް ކަނޑުމަސް އާއްމުކޮށް ކޮށާ ސައިޒަށެވެ.
▪︎ ދެން ބޮޑު ބޯތައްޓެއްގައި ލޮނާއި، ދިރިއާއި، ކޮތަންބިރިއާއި، ގަރަމް މަސާލާއާއި، ތެޅިމިރުސް އަދި ޔޯގަރޓް އެއްކޮށްލާށެވެ.
▪︎ އެއަށްފަހު އޭގެ ތެރެއަށް ކުކުޅުކޮޅު އަޅާލާ ރަނގަޅަށް އެއްކުރުމަށްފަހު މަތިޖަހާފައި ބަހައްޓާށެވެ. މިގޮތަށް ގިނައިރު ބަހައްޓަން ބޭނުންވާނަމަ ފްރިޖްގައި ބަހައްޓާށެވެ.
▪︎ ދެން ފިޔާ ތުނިކޮށް ކޮށާލާށެވެ. އަދި ލޮނުމެދުތައް ޗަސްކޮށްލައި، ކާފޫރުތޮޅިކޮޅުގެ ކޮޅުތައް ކަނޑާލާށެވެ.
▪︎ ބޮޑު ތެއްޔެއްގައި ބަޓަރާއި ތެޔޮކޮޅު އެކުގައި ހޫނު ކުރުމަށްފަހު ގިނި މެދުމިނެއްގައި ބަހައްޓާފައި އެއަށް ފިޔާކޮޅާއި ކާފޫރު ތޮޅިކޮޅު އަޅާލުމަށްފަހު ފިޔާކޮޅު ރަތްވާން ފަށަންދެން މީރު ކޮށްލާށެވެ.
▪︎ ދެން ލޮނުމެދުކޮޅު އަޅާލާފައި އެއްކޮށްލުމަށްފަހު 30 ވަރަކަށް ސިކުންތު ބަހައްޓާލާށެވެ.
▪︎ ދެން ތަންދޫރީ ހަވާދު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ހަވާދުގެ ވަސްދުވަން ފެށުމުން ޓޮމާޓޯ ޕިޔުރީ، ޓޯމާޓޯ ކެޗަޕް، ކުރިން ފްރިޖަށްލީ ކުކުޅުކޮޅު އަދި ހަކުރުކޮޅެއް ތެއްޔަށް އަޅާލައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.
▪︎ އެއަށްފަހު ކާށިކިރުކޮޅުވެސް އަޅާލާ އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.
▪︎ ތެލީގައި މަތިޖަހައި ގިނި މަޑު ކުރުމަށްފަހު 20-30 މިނެޓުވަންދެން އުނދުން މަތީގައި ބަހައްޓާށެވެ.
▪︎ އުނދުން ނިވާލުމުގެ ކުރިން ލޮނު ހެޔޮވަރުކޮށްލާށެވެ .ޓޮމާޓޯ ޕިޔުރީއާއި ހެދި މާބޮޑަށް ރިހަގަނޑުގައި ހުތްރަހަ ލާހެން ހީވެއްޖެނަމަ ހަކުރުކޮޅެއް އަޅާލާށެވެ.




