އިމިގްރޭޝަން ކޮންޓްރޯލާރ ގެ މަޤާމުގައި ހުރި މުހައްމަދު ޝަމްއާން ވަހީދު އެ މަޤާމުން ވަކިކޮށްފިއެވެ.
އިމިގްރޭޝަން ކޮންޓްރޯލާރ ގެ މަޤާމުގައި ހުރި މުހައްމަދު ޝަމްއާން ވަހީދު އެ މަޤާމުން ވަކިކޮށްފިއެވެ.
’ސައުވީސް‘ އަށް ކަށަވަރުވެފައިވާ ގޮތުގައި ޝަމްއާން އެ މަޤާމުން ވަކިކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. އަދި އޭނާ މަޤާމުން ވަކި ކުރީ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ކަމަށް ’ސައުވީސް‘ އާއި ވާހަކަ ދެއްކި ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ.
ޝަމްއާން މިރޭ މަޤާމުން ވަކިކޮށްފައިވާއިރު، ފުލުހުން ވަނީ މީގެ އިރުކޮޅެއް ކުރިން އިމިގްރޭޝަންގެ މުވައްޒަފުން ތަކެއްގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ ނޫސް ބަޔާނެއް އާންމުކޮށްފައެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އިމިގްރޭޝަންގެ މުވައްޒަފުން ތަކެއް، މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، އެ މައްސަލަ ތަހުޤީގު ކުރަމުން ގެންދާ ކަމަށެވެ.
އަދި މިކަމާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލާ ފާސްކޮށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އިމިގްރޭޝަން ކޮންޓްރޯލާރ ގެ މަޤާމަށް ޝަމްއާން އައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.



