މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ ”އާރތް އަވަރ“ ހަރަކާތުގައި ރާއްޖޭގެ އެންމެހާ މުއައްސަސާތަކާއި އާންމުން ބައިވެރިވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން މިއަދު އިލްތިމާސް ކޮށްފިއެވެ.
ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ކޮަންމެ އަހަރަކުވެސް ފާހަގަ ކުރާ ”އާރތު އަވަރ“ ގެ މައިގަނޑު މަގުސަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، އަޅުގަނޑުމެންގެ ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓަށް ރަމްޒީ ”ލައިޓް އައުޓް“ ވަގުތު ކޮޅެއްގައި ބައިވެރިވެ، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމެވެ.
އެހެންކަމުން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ކަނޑައެޅިފައިވާ ވަގުތުގައި ވީހާވެސް މަދުން ކަރަންޓު ބޭނުންކުރުމަކީ މި ޙަރަކާތް ފާހަގަކުރުމަށް މުހިންމު ކަމަށެވެ.
”އާރތު އަވަރ“ ފާހަގަ ކުރަނީ މިރޭ 9:45 ން 10:45 އަށެވެ.
މި ހަރަކާތުގައި ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކުންނާއި އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މިނިސްޓްރީން ބުނީ، ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި އާތު އަވާ ހަރަކާތުގައި އެންމެން ވެސް ބައިވެރިވެ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހަންމިއްޔަތުކަން ދަމަހައްޓަން ޖެހޭ ކަމަށެވެ.




