މިއީ ހަމަ ޔަގީނުންވެސް މިހާރު ދިވެހިންނަށް އައު ކެއުމަކަށް ނުވާނެއެވެ.
ކްލަބް ސޭންޑްވިޗަކީ ރެސްޓޯރަންޓުތަކަށް ކާން ގޮސްފައިވެސް ގިނަ ބަޔަކު އިޚްތިޔާރުކުރާ އަދި ގިނަ ބަޔަކަށް ވަރަށް ކަމުދާ ލުއި ކާނާއެކެވެ. އެގޮތުން ގިނަ މީހުންނަށް ކްލަބް ސޭންޑްވިޗް ކަމުދަނީ ފްރެންޗް ފްރައިޒްއާ އެކީގައިކަން ވެސް ފާހަގަ ކޮށްލެވެއެވެ.
މިފަހަރު މި ކިޔައިދެނީ ޓޫނާ ކްލަބް ސޭންޑްވިޗް ހަދާ ގޮތެވެ. މި ރެސިޕީގައި ހިމެނޭނީ އެކަކަށް ތައްޔާރު ކޮށްލެވޭނެ ވަރަށެވެ.
ބޭނުންވާނެ ތަކެތި:
° 4 ފޮތި ޕާން
° 1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
° 1/2 ސައި ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް
° 1 މަސްދަޅު (ތެޔޮފެލައި ފުނޑުވާފަ)
° 2 ފޮތި ކިޔުކަމްބަރ
° 1/2 ސައި ސަމުސާ ލުނބޯހުތް
° 2 ފޮތި ޓޮމާޓޯ
° 2 ފަތް ލެޓިއުސް
° 1 ފޮތި ސްޕައިސް ޗީޒް
° 2 ބިސް ގިރާފައި
° 2 މޭޒުމަތީ ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ފިޔާ
° ލޮނު
° ބަޓަރ ކޮޅެއް
° މެޔޮނޭޒް
ތައްޔާރުކުރާނެ ގޮތް:
° ގިރާފައި ހުރި ބިހުގެތެރެއަށް ލޮނުކޮޅެއް އަޅާފައި އެންމެ ފުރަތަމަ ބިސްގަނޑެއް އަޅާލާށެވެ.
° ދެން ފިޔާ، މިރުސް، އަސޭމިރުސް އަދި ލޮނު އެއްކޮށްފައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ރަހަ ދޭ ވަރަށް މެޔޮނޭޒް ކޮޅެއް ވެސް އޭގެތެރެއަށް އެއްކޮށްލާށެވެ.
° އެއަށްފަހު ޕާން ފޮތިތައް ކުޑަކޮށް ޓޯސްޓް ކޮށްލާށެވެ. އަދި ޕާން 2 ފޮތީގައި މެޔޮނޭޒް ކޮޅެއް ހާކާފައި އަނެއް 2 ފޮތީގައި ބަޓަރ ކޮޅެއް ހާކާލާށެވެ.
° ޕާން ފޮއްޗެއްގެ މަތީގައި މަސް ފަތުރާފައި އަނެއް ޕާން ފޮތި ތަތްކޮށްފައި. ތަތްކުރި ޕާން ފޮތި މަތީގައި ބިސްގަނޑު ހަތަރެސް ކަނަށް ކަފާފައި، ޕާން ފޮތި މަތީގައި ބާއްވާށެވެ.
° އަނެއް ޕާން ފޮތި ބިސްގަނޑު ލީ ޕާން ފޮތި މަތީގައި ބޭއްވުމަށް ފަހު 2 ފޮތި ކިއުކަމްބަރ އާއި 2 ފޮތި ޓޮމާޓޯ އާއި ލެޓިއުސް އަތުރާލާފައި ޗީޒްފޮތި ލައިފައި ދެން އިން ޕާން ފޮތި އޭގެ މަތީގައި ބާއްވާލާށެވެ. ދެން ހަތަރު ބަޔަށް ޕާން ތަތްކޮށްފައިހުރި ޕާންފޮތިތައް ކަފާލާށެވެ.
° ސާރވް ކުރާއިރު ދަތްކޮށްޓާ އިލޮށި ކޮޅަކުން ޕާން ފޮތިތައް ހަރުކޮށްލާށެވެ.



