މަޝްހޫރު ފުޓްބޯޅަ ކޯޗު އިހްސާން އަބްދުލްޣަނީ (ސާންތި) އަވަހާރަވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާ އަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުޅިވަރުގެ ރޮނގުން، ވަކިން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ވެސް ރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ ސާންތީ އަވަހާރަ ވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށެވެ.
އަދި ސާންތި ނިޔާވުމާއި ގުޅިގެން، ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި ސާންތިގެ ޢާއިލާއަށް ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ.
ރާއްޖޭގެ ފުޓްބޯޅައަށް ގިނަގުނަ ހިދުމަތް ތަކެއް ކޮށްދީފައިވާ ސާންތި ކޯޗު ނިޔާވީ އުމުރުން 51 އަހަރުގައެވެ.
ރޭ ޓްރީޓޮޕް ހޮސްޕިޓަލުގައި ސާންތި ނިޔާވި އިރު ދިޔައީ ކެންސަރު ބައްޔަށްް ފަރުވާ ހޯދަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މީގެ ކުރިންވެސް އައީ ކެންސަރު ބައްޔަށްް ފަރުވާ ކުރަމުންނެވެ.
ސާންތި ވަނީ 2008 ވަނަ އަހަރު، ރާއްޖެއިން އެންމެ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު އެޓީމުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
ރާއްޖޭގެ ބައެއް ކްލަބުތަކަށް ވެސް ކޯޗުކަން ކޮށްދީފައިވާ ސާންތި އެންމެފަހުން ފެނިގެން ގޮސްފައިވަނީ ކްލަބް އީގަލްސްގެ ކޯޗުގެ މަގާމުންނެވެ.
ސާންތި ގެ ޖަނާޒާ އޮތީ މިއަދުގެ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.




