ރޯދަ މަހަކީ ހެދިކާގެ ތަފާތު ގިނަ ބާވަތްތަށް އަމިއްލަށް ގޭގައި ތައްޔާރު ކޮށްލާ މަހެކެވެ. އެގޮތުން ބަޖިޔާ، ގުޅަ، ކަޓްލަސް، ބޯކިބާ އަދި މިނޫންވެސް ތަފާތު އެކި ވައްތަރުގެ ހެދިކާ ހިމެނެއެވެ.
މިފަހަރު ގެނެސްދެނީ މީގެ ދެ ވައްތަރެއް އެއްކޮށްލައިގެން ތައްޔާރު ކޮށްލެވޭ، ކަޓްލަސް ބޯކިބާ، ތައްޔާރު ކުރާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
▪︎ 6 އަލުވި (ކައްކާފަ)
▪︎ 1 ގިތެޔޮމިރުސް
▪︎ 1 ބޮޑުފިޔާ (ކުދިކޮށް ކޮށާފަ)
▪︎ 1 ދަޅުމަސް
▪︎ ހިކަނދިފަތް (ކުދިކޮށް ކޮށާފަ)
▪︎ ފާރޮށި ކުނޑި
▪︎ ލޮނު
▪︎ އަސޭމިރުސް
▪︎ 5 ބިސް
▪︎ ތެޔޮ
ތައްޔާރު ކުރާނެ ގޮތް:
▪︎ އެންމެ ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާފަ ތެޔޮކޮޅެއް އަޅާ، ތެޔޮގަނޑު ހޫނުވުމުން ފިޔާ، ހިކަނދިފަތް، ލޮނުމެދު އަދި މިރުސް އަޅާފަ ފިޔާ މީރު ކޮށްލާށެވެ.
▪︎ ފިޔާކޮޅު ރަނގަޅަށް މީރުވުމުން (މޯޅި ވުމުން) ތަވާމަތިން ނަގާފަ ހިހޫ ކޮށްލަން ބަހައްޓާށެވެ.
▪︎ ދެން އަލުވި، މަސް، ލޮނު އަދި އަސޭމިރުސް އޭގެތެރެއަށް އަޅާފައި ރަނގަޅަށް މޮޑެލާށެވެ. އަދި އޭގެ ތެރެއަށް ބިސްވެސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.
▪︎ އެއަށްފަހު ޓްރޭގައި ތެޔޮފޮދެއް ހޭކުމަށްފަހު ތައްޔާރުކުރި މަސްގަނޑު ޓްރޭ ތެރެއަށް އަޅާލާށެވެ.
▪︎ ދެން މައްޗަށް ފާރޮށިކުނޑި އެޅުމަށްފަހު އަވަނުން ފިހެލާށެވެ.




