ފޭސްބުކްގައި ”ޝުއައިބު އަލީ“ ނަމަކަށް ކިޔާ މީހަކު މީގެ ހަތަރު ދުވަސް ކުރިން ލިޔެފައިވާ ޕޯސްޓަކާ ގުޅިގެން، މުޅި ސޯޝަލް މީޑިއާވަނީ ގުގުމާލާފައެވެ.
އޭނާ އެ ޕޯސްޓުގައި ބުނެފައިވާ އެއްޗަކާ ގުޅިގެން އެތައް ބަޔަކުވަނީ އޭނާއަށް ފާޑުކިޔައި، އެ ދެއްކި ވާހަކަތަކާ ދެކޮޅު ހަދާފައެވެ. އެއްބަޔަކު ދެކުން ގޮތުގައި، މި ރަމަޟާން މަސް ނިމުމަކާ ހަމައަށް އައި އިރު، މިއީ ރޯދަ ކުރުކޮށްލަން ރަނގަޅު ޕޯސްޓެކެވެ. އަނެއްބަޔަކު ވަނީ ޝުއައިބުގެ ވިސްނުމުގައި ހުރި ނާތަހުޒީބުކަމާމެދު ހައިރާންވެ، އޭނާއަށް ފާޑު ކިޔާފައެވެ. އަދި މިއީ އޭނާ ސަމާލުކަން ހޯދުމަށާއި މީހުންގެ ”އަނގަ ގޮށްވަން“ ލިޔެފައިވާ ލިޔުންކޮޅެއް ކަމުގައިވެސް ގިނަ ބަޔަކު ދެކެފައިވެއެވެ.
ކޮންމެހެނަކަސް، އެއީ ސަމާލުކަން ހޯދަން ޝުއައިބު ލިޔެފައިވާ ޕޯސްޓެއްނަމަ، ކޮމެންޓުވެސް އޮފްކޮށްލާފައި ހުރުމުން އެތައް ބަޔަކު އެ ޕޯސްޓު ޝެއާކޮށް، އޭނާ އެ ބޭނުންވާ ކަމަށްބުނާ ސަމާލުކަން ވަނީ ވަރަށް ރަނގަޅަށް އޭނާއަށް ދީފައެވެ.
މިހާހިސާބުން ޝުއައިބުގެ އެ ދިގު ޕޯސްޓު ޚުލާސާކޮށްލާފައި ލިޔެވެތޯ ބަލާނަމެވެ.
ޝުއައިބު ބުނަން އުޅޭ ވާހަކައަކީ، އަންހެނުންނާއި ފިރިހެނުން ހަމަހަމަ ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމުގައި ވެދާނެއެވެ. ނަމަވެސް އެ ބަސްކޮޅު ވިސްނައިދޭން ޝުއައިބުއަށް އެންމެ ފުރަތަމަވެސް ބުނެވިފައިމިވަނީ މުޅިން ގޯސް ވާހަކައެއް ކަމަށް ގިނަ ބަޔަކު މިކަމާ ބެހޭގޮތުން ފާޅުކޮށްފައިވާ ޝުޢޫރުތަކުން ހާމަވެގެން ދެއެވެ.
”އަނބި މީހާއަށް ގޭތެރޭގެ ކަންކަމުގައި، ވަކި ޚާއްޞަ ޙާލަތްތަކެއްގައި އެހީތެރިވުމަކީ ރީތި ޞިފައެކެވެ. ނަމަވެސް ދުނިޔެއަށް ފޮނުއްވި ޙަޤީޤީ މަޤްޞަދު ދޫކޮށް، ފިރިމީހާ އޭނަގެ ފިރިހެންވަންތަކަމުން ބޭރުވެ، އަންހެންދުޅާވެ، ބަދިގެ ތެރޭގައި ކައްކައި، ތަށި ދޮންނަން ޖެހޭނެ ކަމަށް ޤަބޫލުކުރާ މިންވަރަށް، މުސްލިމު އަންހެނުންގެ ފިކުރު ފަސާދަވުމަކީ ހުތުރު ކަމެއް، ދެރަކަމެއް“ މިއީ އެންމެ ފުރަތަމަ ޕެރެގްރާފުގައި ވެސް ޝުއައިބު ލިޔެފައިވާ ލިޔުންކޮޅެވެ.
ޝުއައިބުގެ މިވާހަކަތަށް ގިނަ އަންހެނުންނާއި އަދި ފިރިހެނުންވެސް ދޮރުކޮށްފައިވެއެވެ. އެގޮތުން ގިނަ މީހުން ބުނިގޮތުގައި، އާމްދަނީ ހޯދަން ފިރިހެނުން ވަޒީފާއަށް ގޮސް ބުރަ މަސައްކަތްކުރި ނަމަވެސް މިޒަމާނުގައި ތަކެތީގެ އަގާއި ކުއްޔަށް ތަންތަނުގައި އުޅޭމީހުންނަށް ދައްކަންޖެހޭ ގޭ ކުލިވެސް އަގުބޮޑުކަމުން، ގިނަ ގޭގޭގައި ހަމައެކަނި ފިރިމީހާއަށް ލިބޭ އާމްދަނީއަކުން ނުފުއްދެއެވެ.
އެހެންކަމުން އަނބިމީހާވެސް ވަޒީފާއަކަށްދާން ނުވަތަ އާމްދަނީ ހޯދަން މަސައްކަތެއް ކުރަން ނިކުންނަން ޖެހޭކަން މީހުން ވަނީ ފާހަގަކޮށްފައެވެ. އެއީ އެއްވެސް ހާލެއްގައި އަނބިމީހާ ”ފިރިހެނަކަށްވާން“ ވެގެން ކުރާކަމެއް ނޫން ކަމާއި އެއީ އާމްދަނީ ހޯދުމުގައި އަނބިމީހާވެސް އެހީތެރިވުމަށްޓަކައި ކުރާ ކަމެއްކަމުގައި މި ޕޯސްޓު ޝެއާ ކުރި ގިނަ މީހުން ބުނެފައިވެއެވެ.
އެގޮތުން ވަޒީފާއަށް ދިޔުމުގެ ކުރިންނާއި ވަޒީފާއިން އައުމަށްފަހުގައި ވެސް، އަނބިމީހާ ދެން އަވަސްވެގަންނަން ޖެހެނީ ގޭތެރޭ މަސައްކަތްތަށް ކުރަން ކަމަށާއި ފިރިމީހާއަށް ލުޔެއް ދޭން އަނބިމީހާ ވަޒީފާއަށްދާއިރު، އަނބިމީހާއަށް ލުޔެއް ދޭން ގޭތެރޭކަމެއްގައި ފިރިމީހާ އެހީވެދިނުމުން، ގެއްލެނީ ކޮން ފިރިހެންވަންތަ ސިފައެއްތޯ ވެސް ބައެއް މީހުން ޝުއައިބު ކައިރީ ސުވާލު ކޮށްފައިވެއެވެ.

”ހިތާމައަކީ ބައެއް ދީނީ ޢިލްމުވެރިންވެސް، މި މަޅީގައި ޖެހުން. ޚާއްޞަ ޙާލަތްތަކެއް މެދުވެރި ނުވާއިރުވެސް، ދީނީ ދަޢުވަތާއި ދީނީ ޙަރަކާތްތަކަށް ހުރަސް އެޅޭ މިންވަރަށް، އަހުލުންނަށް ހެޔޮކޮށް ހިތުމުގެ ނަމުގައި، ބަދިގެތެރޭގައި ބިޒީވުމަކީ، އެއީ ވަރަށް ދެރަކަމެއް. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނާ ޙަވާލުކުރެވުނު ޒިންމާތައް އަދާ ކުރުމަށް ހުރަސް އެޅޭ މިންވަރަށް، ގޭތެރޭގެ މަސައްކަތްތައް ކުރެއްވި ކަމަށް ބުނުމަކީ، ކަނޑައެޅިގެން ބުހުތާނު ދޮގެއް. އެއީ ކާފަރުންގެ މަކަރުވެރި ރޭވުމުގެ ތެރެއިން، މުސްލިމު އަންހެނުންގެ ކިބާގައި އުފެދުނު ނުބައިކަން ބޮޑު ފިކުރެއް“ ޝުއައިބު އިތުރަށް ބުނެފައިވެއެވެ.
ޝުއައިބު މިހެން ބުނިއިރު، ރަސޫލާ (ޞޢވ) އެކަލޭގެފާނުގެ އަނބި އަނބިކަބަލުންނަށް ގޭތެރޭގެ ކަންކަމުގައި އެހީތެރިވެދެއްވަން އުޅުއްވި ކަމަށް ސައްޙަ ޙަދީޘްފުޅުތަކުންނާއި ދުނިޔޭގެ ނަން މަޝްހޫރު ދީނީ ޢިލްމުވެރިންގެ ދަރުސްތަކުގައި ވެސް ވިދާޅުވެފައިވާކަން ގިނަ ބަޔަކު ވަނީ ޝުއައިބުއަށް ހަނދާން ކޮށްދީފައެވެ.
”މިހާރުގެ ބައެއް އަންހެނުންނަށް ކަމުދަނީ، ފިރިމީހާ އަންހެންދުޅާ ވީމަ. ނަމަވެސް ފިރިހެންވަންތަ ފިރިހެނުން އެކަމުގައި، ބޯޑަރު ހުރަސް ނުކުރާނެ. އަނބިމީހާއަށް އެހީތެރިވާނެއ. ނަމަވެސް އަނބިމީހާއަށް އޭނަގެ މަޤާމާއި ޒިންމާތައް ހަނދާން ނެތޭ މިންވަރަށް، މަގުފުރެދިގެން ނުދާނެ“ ޝުވައިބު އޭނާގެ ޕޯސްޓުގައި އިތުރަށް ބުނެފައިވެއެވެ.
ޝުއައިބުގެ އެ ޕޯސްޓު ޝެއާ ކުރުމަށްފަހު އަންހެނަކު ވަނީ އޭނާގެ މި ބަސްކޮޅަށް ރައްދެއް ދީފައެވެ. އެގޮތުން އެ އަންހެންމީހާ ބުނެފައިވަނީ:
”އަންހެނެއްގެ ހައިސިއްޔަތުން އަޅުގަނޑު މިކަމާމެދު ޝުއައިބުއަށް ބުނެލާނީ، އަޅުގަނޑުމެންނަށް ކަމުދަނީ އަންހެންދުޅާ ފިރިހެނުން ނޫން ކަމަށެވެ. ނަމަވެސް ކަމުދާ ބައެއްގެ ވާހަކަ އެއްކައިރީގައި ބާއްވާފައި އަޅުގަނޑުމެން އަންހެނުންނަށް ހަމަޔަގީނުންވެސް ކަމުނުދާ ’ފިރިހެނުން’ގެ ސިފަތައް ޝުއައިބުއަށް ކިޔައިދީފާނަމެވެ.
އަޅުގަނޑުމެންނަށް ކަމުނުދަނީ، ތިކަހަލަ ބޯދާ، ހަނި ވިސްނުން ގެންގުޅޭ، ނާތަހުޒީބު، އަންހެނުންނަށް އިއްޒަތާއި ޤަދަރު ކުރަން ނޭނގޭ، ހަރުކަށި ވިސްނުން ގެންގުޅޭ، އަންހެނުންނަކީ ވަރަށް ދަށުދަރަޖައިގެ ބައެއްގެ ގޮތުގައި ދެކޭ ތިފަދަ ’ފިރިހެނުން‘ “ މިހެންނެވެ.
ޝުއައިބުގެ ޕޯސްޓުތަކުން ބޮޑަށް ހާމަވެގެން ގޮސްފައިވަނީ އަންހެނުންނާއި ވަރަށް ބޮޑަށް ޒާތީވެގެން ޖައްސާލާފައި ހުރުންކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެއެވެ. އަދި ގިނަ އަންހެނުންނާއި ފިރިހެނުންވެސް ޝުއައިބުއަށް ގޮވާލާފައިވަނީ، އޭނާގެ އަނބިމީހާ ގޭތެރޭގެ މަސައްކަތެއް ކުރަން ހަވާލުކުރުމުން އެކަމާ އެވަރަށް ރުޅި ނައިސް، އެހެންމީހުން ރުޅި އަރުވަން މަސައްކަތް ނުކުރުމަށާއި މި ރަމަޟާން މަހުގެ ޘަވާބާއި ދަރުމަ ހެޔޮގޮތުގައި ހޯދުމަށެވެ.



