ދިވެހިރާއްޖެ އަކީ އާދައިގެ މަންޒިލެއް ނޫން ކަމަށާއި، މިއީ ލަގްޒަރީ ތަޖުރިބާއެއް ކަމަށް ރަންޖިތް ބާޓްރާ ވިދާޅުވެއްޖެއެވެ.
ރަންޖިތް ބާޓްރާ އަކީ ރާއްޖޭގައި 11 ރިސޯޓު ހިންގަމުން އަންނަ ވެންޓިވް ހޮސްޕިޓަލިޓީ ލިމިޓެޑްގެ ސީއީއޯ އެވެ.
ރަންޖިތް މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖެ އެވަރޭޖް ޑެއިލީ ރޭޓް (އޭޑީއާރު) ގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހިމެނުމާ ގުޅިގެންނެވެ. އޭޑީއާރު އަކީ ޓުއަރިޒަމް ދާއިރާގައި ކޮޓަރިއެއް ދުވާލަކު އެވެރެޖް ކޮށް ވިއްކާ އަގަށް ބަލައިގެން ކަނޑައަޅާ ގިންތިއެކެވެ. ޓުއަރިޒް ގެ ގޮތުން ކުރި އަރާފައިވާ އެހެން ބޮޑެތި އެހެން ޤައުމުތަށް ފަހަނަ އަޅައި، އޭޑީއާރު ގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނުމުން ރަންޖިތް ވަނީ އެކަމަށް ތައުރީފު ކޮށް، އެ ކާމިޔާބީ ގެ މުހިންމު ކަން ފާހަގަކޮށްފައެވެ.
“ ދިވެހިރާއްޖެ އަކީ އާދައިގެ މަންޒިލެއް ނޫން، މިއީ ލަގްޒަރީ ތަޖުރިބާއެއް. ރާއްޖޭގެ އޭޑީއާރު ޕާފޯމަންސް އިން ދައްކުވައިދެނީ މި މަންޒިލަށް ދުނިޔޭގެ ފަތުރުވެރިންގެ މެދުގައި އޮތް ޑިމާންޑް “ ރަންޖިތު ވިދާޅުވިއެވެ.
އޭޑީއާރު ގެ ގޮތުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ އުހުގައި ރާއްޖެ ފިޔަ ޖަހަމުންދާ ސަބަބަކީ ރާއްޖޭގެ ރިސޯޓުތަކުގެ އަގު، މުޅި އަހަރު ތެރޭގައި އެއްވަރެއްގައި ހިފެހެއްޓިފައި ހުރުން ކަމަށް މި ސިނާއަތުގެ ތަޖުރިބާކާރުން ދެކެއެވެ. އަދި އެ އަގުތައް އެއްވަރެއްގައި ބެހެއްޓެނީ، ދިވެހިރާއްޖެ އެކްސްލޫސިވިޓީ އާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ފެންވަރު ރަނގަޅުވުމުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.



