މިއީ ހަމަ ގައިމުވެސް ދިވެހިންނަށް އައު ބުއިމަކަށް ނުވާނެއެވެ.
ރެސްޓޯރަންޓަކަށް ގޮސްފައިވެސް ގިނަ މީހުން އޯޑަރު ކުރާ ފަލޫދާއަކީ، ގޭގައި ވެސް ފަސޭހައިން ތައްޔާރުކޮށްލެވޭ ބުއިމެއްކަން އެނގޭ ހެއްޔެވެ؟
ބޭނުންވާނެ ތަކެތި:
° ½ ޖޯޑު ގެރިކިރު
° ½ ޖޯޑު ރޯޒް ސިރަޕް
° ½ ސަމުސާ ވެނީލާ އެސެންސް
° 2 ޖޯޑު ފެން
° 2 މޭޒުމަތީ ސަމުސާ އިސްބަގުލޫ (ފޯކޮށްފަ)
° 10 މޭޒުމަތީ ސަމުސާ ހަލުވިދާ (ކުދިކުދިކޮށް ކޮށާފަ)
ތައްޔާރުކުރާނެ ގޮތް:
° އެންމެ ފުރަތަމަ ގެރިކިރާއި ފެނާއި ރޯޒް ސިރަޕާއި އަދި ވެނީލާ އެސެންސްކޮޅު އެއްކޮށްލުމަށްފަހު ރަނގަޅަށް ގިރާލާށެވެ.
° ދެން އޭގެތެރެއަށް އިސްބަގުލޫ، ހަލުވިދާއަޅާ އެއްކޮށްލާށެވެ. އަދި ބުއިމުގެ ކުރިން ދެ ގަޑިއިރު ވަންދެން ފިނިކޮށްލުމަށް ފްރިޖްގައި ބަހައްޓާށެވެ.




